ޚަބަރު
ބްރޯޑްކޮމްގެ މެންބަރުކަމަށް ނުޒުހާއަށް ރުހުން ދީފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މަގާމަށް ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އައިމިނަތު ނުޒުހާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ މެމްބަރެއްގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސަކަށް ވެސް ހުންނެވި އަހުމަދު ގައިސް ޑިސެމްބަރު 2022ގައި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލީ ފަސް މީހުންގެ ނަންތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވާފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ 1 ވަނަ ދުވަހު އެވެ. 

އަހަރެއްހާ ދުވަސް ވަންދެން މި މައްސަލައިގައި ގޮތެއް ނުނިމި ލަސްވެފައި އޮތީ މި މަގާމަށް އައްޔަން ކުރި މީހުންގެ ނަންތައް ދިރާސާ ކުރި މިނިވަން މުއައްސަސާ ކޮމިޓީގައި ވޯޓް އެހި ގޮތުގެ ސުވާލު އުފެދިފައިވުމުން އޭރު ރިޔާސަތުން އަނބުރާ އެ މައްސަލަ ކޮމިޓީއަށް ފޮނުވުމުންނެވެ. އަދި މައްސަލަ ދިގުލައިގެން ގޮސް އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އަލުން މިއަދުގެ ޖަލްސާއަށް ކޮމިޓީގެ ރިޕޯޓް އޮތީ ފޮނުވާފަ އެވެ.

ނުޒުހާގެ ނަން މަޖިލީހުން ފާސްކޮށްފައިވަނީ 34 މެންބަރުން އިއްތިފާގުންނެވެ. އޭނާގެ ނަން ފާސްވުމާ ގުޅިގެން އިތުރު ބޭފުޅެއްގެ ނަން ފާސްކުރަން ވޯޓަށް ނާހަ އެވެ.

ނުޒުހާ އަށް ވޯޓު ދިނީ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން އެކަންޏެވެ. ސަރުކާރު ނުވަތަ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އެ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

މަޖިލީހަށް ނަން ފޮނުވިއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލިސްޓުގެ އެންމެ ކުރީގައި ވެސް އޮތީ ނުޒުހާގެ ނަމެވެ.

ބްރޯޑްކޮމްގެ މިހާރުގެ ރައީސަކީ މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސަކީ މުހައްމަދު ފަޒީން އެވެ. ދެން އެ ކޮމިޝަންގައި ތިއްބަވަނީ އަލީ ޔޫސުފާއި އާމިނަތު އަމީނާއި ޝިފްލާ އިބްރާހިމް އަދި ސޮފާ ޝަފީގެވެ. އެ ހުރިހާ ބޭފުޅުން ވެސް ކުރިން ވަނީ އެކިއެކި މީޑިއާތަކުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު