ޚަބަރު
އާސަންދައިގެ ދަށުން ތިން ބުރަށް އައިވީއެފް ހެދޭނެ
ދަރިމައިވުމާ ގުޅޭ ދެ ފަރުވާ ކަމަށްވާ އައިޔޫއައި އަދި އައީވީއެފްގެ ފަރުވާތައް އާސަންދަ ހެލްތު ސްކީމުގެ ތެެރޭގައި ހިމެނުމާ ގުޅިގެން އެކަމާ ގުޅޭ އުސޫލު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އާންމުކޮށްފި އެވެ.

އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި މިއުސޫލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

"މި އުސޫލު ބައްޓަން ކުރެވިފައިވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ވެސް މި ހިދުމަތް ލިބޭ ގޮތަށް. ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދުރުނޫން މުސްތަގުބަލެއްގައި ރާއްޖޭގައި ނެޝަނަލް ފާޓިލިޓީ ކެއާ ސެންޓަރެއް ގާއިމު ކުރެވިގެންދާނެ," އިތުރު ތަފްސީލު ހިއްސާކުރަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު "އެކްސް" ގައި ވިދާޅުވެފައިވެ އެވެ.

އައިވީއެފްގެ އެހީ ހޯދުމަށް ހުންނަން ޖެހޭ ޝަރުތުތަކަކީ

  • ދަރިއެއް ދުނިޔޭގައި ނެތުން
  • ކައިވެންޏަށް ތިން އަހަރުވެފައިވުން
  • އަމިއްލަ ހަރަދުގައި އައިވީއެފްގެ ތިން ސައިކަލް ފުރިހަމަކޮށްފައި ނުވުން
  • ދެމަފިރިން ކުރެ އެއްވެސް ފަރާތަކުން ދަރިމައިނުވާ އޮޕަރޭޝަން ކޮށްފައި ނުވުން
  • އެހީއަށް އެދޭ އަންހެން މީހާގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) 19-30 ދެމެދު ހުރުން
  • އެހީއަށް އެދުމުގެ ހަ މަސް ކުރިން ދެމަފިރިން ދުންފަތުގެ އިސްތިއުމާލު ހުއްޓާލާފައިވުން
  • ފަރުވާއަށް އެދޭ އެކަކުގެ މައްޗަށް ވެސް މިދިޔަ ތިން އަހަރު ޖިނާއީ ކުށެއް ސާބިތުވެފައި ނެތުން
  • ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވުން, ނުވަތަ ސަބަބު ދެނެނުގަނެވި ތިން އަހަރުވަންދެން ދަރިމައިވުމަށް ނުކުޅެދިފައިވުން, އަދި އެހެނިހެން ފަރުވާ ކާމިޔާބު ނުވެ އައިވީއެފްއަކީ އެންމެ އެދެވޭ ފަރުވާ ކަމަށް ސްޕެޝަލިސްޓަކު ކަނޑައަޅާފައިވުން
  • ފަރުވާ ފަށާއިރު އަންހެން މީހާގެ އުމުރުން 30 ފުރި, 42 ފުރިފައި ނުވުން. ފިރިހެން މީހާގެ އުމުރު 55 އަށްވުރެ މަތި ނުވުން. ނަމަވެސް އަންހެން މީހާގެ އުމުރުން 25 އަހަރު ފުރި ސިއްހީ ހާލަތެއްގެ ސަބަބުން އެންމެ އެދެވޭ ފަރުވާއަކީ އައިވީއެފް ކަމަށް ސްޕެޝަލިސްޓަކު ކަނޑައެޅުމެވެ.
ދަރިމައިވުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް އައިވީއެފްއާއި އައިޔޫއައި އާސަންދައިގެ ދަށުން ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ހާސިލު ކުރުމަށް ނިންމާފައިވާ ވައުދެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު