ޚަބަރު
ކޮރަޕްޝަން ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން އެއްބަސްވެ ސޮއިކޮށްފި
ކޮރަޕްޝަން ހުއްޓުވަން ގުޅިގެން މަސައްކަތްކުރަން އިސްލާމިކް މިނިސްޓްރީއާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކޮރަޕްޝަން ހުއްޓުވަން އަހުދުވާން މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އޭސީސިގެ ފަރާތުން ސޮއިކުރެއްވީ އޭސީސީގެ ރައީސް އާދަމް ޝާމިލެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ، މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ މަގުސަދަކީ ކޮރަޕްޝަން ހުއްޓުވުން ކަމަށެވެ.

އެގޮތުން އެ ފަހުމުނާމާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ:

  • ކޮރަޕްޝަން ހުއްޓުވަން އޭސީސީއާއި މިނިސްޓްރީ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެ މަގުސަދު ހާސިލުކުރެވޭނެ ގޮތެއްގެ މަތިން ކުރާނެ މަސައްކަތްތައް ކަނޑައެޅުން.
  • ކޮރަޕްޝަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ކޮމިޝަނުން ދޭ ލަފައާއި އިރުޝާދު ތަންފީޒު ކުރުމުގައި ދެ ފަރާތުން ގުޅިގެން ކުރާނެ މަސައްކަތްތައް ކަނޑައެޅުން
  • މިނިސްޓްރީއާއި އޭސީސީއާ ދެމެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމުގައާއި މައްސަލަތަކާ ގުޅިގެން ދިމާވާ ކަންކަމުގައި ފީޑްބެކް ޕްރޮސެސް އެއް ގާއިމުކޮށް އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުން
  • މިނިސްޓްރީއާއި އޭސީސީ ގުޅިގެން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލުމާތު ދިނުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުން.
އޭސީސީން ބުނީ، އެ ކޮމިޝަނުން ފަސާދައާ ދެކޮޅަށް ކުރާ މަސައްކަތަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހިގެން ނޫނީ އޭގެ ހަގީގީ މަގުސަދު ހާސިލުނުވާނެ މަސައްކަތެއް ކަމަށެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ކޮރަޕްޝަން ހިންގުމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށާއި އެފަދަ އަމަލުތަކަށް އެއްވެސް ވަރަކަށް ފުރުސަތުދީގެން ނުވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ ކުރިއަށްދާނީ، އިންސާފުވެރިކަމާއި އަދުލުވެރިކަމާއި އިހްސާންތެރިކަމާއެކުގައި ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އަދި އެ މިނިސްޓްރީއަކީ އާންމު ވަރަށް ގިނަ ރައްޔިތުންނާ ގުޅުންހުރި ކަންތައްތައް ކުރާ ތަނަކަށްވާއިރު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ކޮރަޕްޝަންގެ ތެރޭގައި އިދާރީ ކޮރަޕްޝަނާއި ފައިސާއާ ގުޅުން ހުރި ކަންތައްތަކާއި ނުފޫޒުގެ ބޭނުންކުރުން ފަދަ ބާވަތްތަކުގެ ކަންތައްތަކަށް މިނިސްޓްރީގެ ފަރާތަކުން ޖާގައެއް ނުދޭނަން. މިނިސްޓްރީ ކުރިއަށްދާނީ އިންސާފުވެރި، އަދުލުވެރި އަދި އިހްސާންތެރިކަމާއެކުގައި،" ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު