ޚަބަރު
އެއާ އެމްބިއުލާންސް ލަންކާއަށް އޮޕަރޭޓްކުރުމުގެ ހުއްދަ ދެ ގަޑިއިރުން ލިބޭނެ އިންތިޒާމު ހަމަޖައްސައިފި
ސިވިލް އޭވިއޭޝަން މިނިސްޓަރު އަމީން އާއި ސްރީލަންކާގެ އޭވިއޭޝަން މިނިސްޓަރާ މަޝްވަރާކުރަނީ
މެޑިކަލް އިމަޖެންސީގައި ރާއްޖޭން ބޭރު ގައުމުތަކަށް ބަލި މީހުން އުފުލަން ސަރުކާރުން ފެށި މަސައްކަތުގައި ސްރީލަންކާއަށް އެއާ އެންބިއުލާންސް އޮޕަރޭޓް ކުރަން ހޯދަން ޖެހޭ ހުއްދަ ހޯދަން ހޭދަވާ ވަގުތު ދެ ގަޑިއިރަށް ކުޑަކޮށް ދީފި އެވެ. 

ކުއްލި ހާލަތުގައި ލަންކާއަށް ބަލި މީހުން އުފުލަން ކުރިން އޮންނަ ގޮތުން މަދުވެގެން ހަ ގަޑިއިރާއި 24 ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވެއެވެ. އާންމުކޮށް އެއް ދުވަހުގެ މުއްދަތެއް ނަގައެވެ.

އެ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށް، ފަސޭހަކުރަން ނިންމާފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިދިޔަ މަހު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާ އެކު ބޭއްވި މަޝްވަރާތަކުގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މިދިޔަ މަހުގެ 29 އިން 30 އަށް އަމީން ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކަށް ފަހުގައި ރާއްޖެއިން ލަންކާއަށް އެއާ އެމްބިއުލާންސް އަދި އެ ނޫން ވެސް އެމަޖެންސީ ފްލައިޓުތައް އޮޕަރޭޓުކުރަން ބޭނުންވާ އެންމެހައި ހުއްދައެއް ގިނަވެގެން ދެ ގަޑިއިރު ތެރޭގައި ހަމަޖައްސަން އެއްބަސްބވެފައިވާ ކަމަށެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރެއްވުމާއި އެ ހިދުމަތް ފުޅާ ކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެ ހިދުމަތް އަންނަ މަހުގެ އެއް ވަނަ ދުވަހު ތައާރަފުކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހިންނަށް ބޭސް ފަރުވާގެ އިންތިޒާމު ވެސް ހަމަޖެއްސުމަށެވެ. އަދި އެ ގައުމުތަކަށް ވެސް އެއާ އެމްބިއުލާންސުގައި ބަލި މީހުން އުފުލުމުގެ އަަވަސް އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު