ދުނިޔެ
ގާޒާއިން ޝަހީދުވި އަދަދު 30000 އިން މައްޗަށް
އަނިޔާވެރި ޔަހޫދީން ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން
ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާދީ 1،160 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 30،100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި ހަމަލާތަކުގައި މުޅި ގާޒާ ވަނީ ބިމާ ހަމަކޮށްފަ އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ އޮކްޓޯބަރު މަހުގެ 7 އިިން ފެށިގެން އަނިޔާވެރި ޔަހޫދީން ދެމުންދާ ހަމަލާތަކުގައި މިއަދާ ހަމައަށް ޝަހީދުވި މީހުންގެ އަދަދު 30،035 އަށް އަރާފައިވާ ކަމަށެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ލާއިންސާނީ ޖަރީމާ އަށް ހުއްޓުމެއް ނެތި ކުރިއަށްދާ އިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި ވެސް ފަލަސްތީނުގެ 81 މީހަކު ޝަހީދުކޮށްފައިވާ ކަމަށެވެ.

އިޒްރޭލުން ހަމަލާދެމުން ގެންދާ ފަލަސްތީނުގެ ޣައްޒާގެ ހާލަތުގައި އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް ނެތް ކަމަށާއި މިހާރު އެއީ "މަރުގެ މައިދާނެއް" ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އިއްޔެ ބުނެފި އެވެ.

އިޒްރޭލާއި ހަމާސްގެ ހަމަލާތައް ވަގުތުން ހުއްޓާލައި، އެއްވެސް ހުރަހަކާނުލައި އެހީގެ މަސައްކަތް ޣައްޒާގައި ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރެޔެސަސް ގޮވާލައްވަމުން ވިދާޅުވީ ޣައްޒާގައި އިންސާނިއްޔަތު ކަމުގެ ނިޝާނެއް ނެތް ކަމަށާއި ހާލަތު އަދިވެސް ދަނީ އިތުރަށް ގޯސްވަމުން ކަމަށެވެ.

"ގާޒާ އަކީ މަރުގެ މައިދާނަކަށް ވެއްޖެ. އެ ސިޓީގެ ބޮޑު ބައި ވަނީ ސުންނާފަތި ވެފައި،" ޕްރެސް ކޮންފަރެންސެއްގައި ޓެޑްރޮސް ވިދާޅުވި އެވެ.

ގާއިން ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 30000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެމެރިކާއިން އަދިވެސް ދަނީ މެދުނުކެނޑި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. 

އިޒްރޭލުން ދަނީ ބައިނަލްއަގުމާވީ ދުނިޔެއިން ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށް ދޭން ކުރަމުން އަންނަ މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި ހުރަސް އަޅަމުންނެވެ. މީގެ ސަބަބުން ކާނާ އާއި ފެނާއި ބޭސް ފަދަ ތަކެއްޗާ އެކީ ފަލަސްތީނަށް ނުވަދެވި، އެހީގެ އެތައް ގާފިލާއެއް އެބަތިއްބެވެ.

މި އަހަރުގެ ރޯދަ މަހާ ކުރިމަތިލާން ގާތްވަމުން އަންނަ އިރު ފަލަސްތީނުގެ ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލެއްގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު