ޚަބަރު
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހޯދަނީ
ރަސްމާލެ ހިއްކަން ފެށުމާއެކު ކޮންނަ ބޯޓުގެ ހޮޅިން ފުރަތަމަ ވެލިގަނޑު އޮހިގެންދަނީ
މި ސަރުކާރުން ކުރިއަށްގެންދާނެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ދެކުނު މާލެ އަތޮޅުގައި އޮންނަ ފުށިދިއްގަރު ފަޅު "ރަސްމާލެ" ގޮތުގައި ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު މިހާރު ކުރަމުން ދަނީ ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.  

މިނިސްޓަރު މިހެން ވިދާޅުވީ "ހަފްތާ 14"ގެ މަގުޗާޓުގެ ދަށުން އެ މިނިސްޓްރީ އަށް ލިބިފައިވާ ކުރިއެރުންތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ވަރަށް ބޮޑު މަޝްރޫއެއް ކަމަށެވެ. އެހެން ކަމުން ވަރަށް ގިނަ ކަންތައްތަކަކަށް ރިއާޔަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރަސްމާލެ އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާތީ ކުރަންޖެހޭ ތަހުލީލުތައް ވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް ރަށުގެ އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގައި ވެސް، އެތަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، މަސައްކަތްތައް ދިރާސާ ކުރަމަށް ބައިނަލްއަގްވާމީ ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ބުނަނީ "ރަސްމާލެ" މަޝްރޫއުގެ ހުރިހާ ވެސް މަގުސަދަކީ ގެދޮރުގެ ދަތިކަމުން އެންމެ އެންމެ ދިވެއްސަކު ވެސް ކަރުނަ އެއް އަޅަން ނުޖެހޭނެ ޒަމާނެއް ދިވެހީންނަށް ގެނެސްދިނުން ކަމަށެވެ. އެންމެ ޒަމާނީ ސިޓީތަކަށް ދިވެހީންގެ އާ ޖީލުގެ ދިރިއުޅުން ބަދަލުކޮށްލުން ކަމަށެވެ. 

ފުށިދިއްގަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭން ހަދައި އެތަނުގެ އީއައިއޭގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް އާބަންކޯއިން ބުނެފައިވެ އެވެ. މި މަސައްކަތް ފެށި އިރު އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ރައީސް މުއިއްޒުގެ ސަރުކާރުން ފުށިދިއްގަރުފަޅު މަޝްރޫއަށް 400 މިލިއަން ރުފިޔާ ހިމެނި އެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން އެ މަޝްރޫއުއަށް ފުރުސަތު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ނުދިނުމުން ފުށިދިއްގަރުފަޅު ހިއްކަން މިފެށީ އާބަންކޯ އާއި ސީއެމްސީ ކުންފުންޏާ ދެމެދު މިދިއަ ހަފުތާގައި އެއްބަސްވުމެއްގައި ސޮއި އަޅައިގެނެވެ. އޭގެ ކުރިޔަށް ކ. ގުޅީގެ އިހްތިސޯސުގެ ތެރޭ ކުރިން އޮތް ފުށިދިއްގަރުފަޅު އެ ރަށުގެ އިހްތިސޯސުން ވެސް ވަނީ މިދިއަ ހަފުތާގެ ތެރޭގައި އުނިކޮށްފަ އެވެ. 

ނަމަވެސް އެކަން ހިނގި އިރު މަޝްރޫއަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބައިބަޔަށް އަޅާލި އެވެ. އެ ގޮތުން އެމްޑީޕީ ސަރުކާރުން ފެށި ގިރާވަރު، ގުޅިފަޅު އަދި ހުޅުމާލެއިން ގޯދި ދޭ ސަރަހައްދުގައި ވަސީލަތްތައް ގާއިމުކުރަން 200 މިލިއަން ރުފިޔާ ބަދަލު ކުރީ އެވެ. އަދި އަނެއް 200 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއުތަކަށް ބަހާލައިފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު