އުރީދޫން ހިއްސާއަކަށް 3.27 ރުފިޔާ ބަހަން ފާސްކޮށްފި
ހުމާ ނަސީމް
07 މާޗް 2024 - 23:00
0 comments
އުރީދޫގެ އަހަރީ އާންމު ޖަލްސާ 2024
މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.27ރ. ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ. އުރީދޫން މިރޭ ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފައެވެ. ސެންޓްރަލް ޕާކުގައި ބޭއްވި އެ ޖަލްސާގައި އެ ކުންފުނީގެ 132 ހިއްސާދާރުން ބައިވެރިވި އިރު، ޕްރޮކްސީގެ ގޮތުގައި 60 ފަރާތުން ބައިވެރިވި އެވެ.ހިއްސާއަކަށް 3.27 ރުފިޔާ ބަހަން ފާސްވީ ހިއްސާދާރުންގެ 82.7 ޕަސެންޓް ވޯޓުންނެވެ. އެގޮތުން ހިއްސާދާރުންނަށް ޖުމުލަ 484 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެއެވެ.އުރީދޫއިން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 3.04 ރުފިޔާއެވެ. އުރީދޫ މޯލްޑިވްސްގެ ޖުމްލަ ރައުސުލްމާލުގެ އަގު 4.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.އުރީދޫ، ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ފެށީ 2016 ވަނަ އަހަރު އެވެ. އެކުންފުނިން އަންނަނީ އެއް އަހަރުން އަނެއް އަހަރަށް ކުންފުނީގެ އާމްދަނީ އިތުރުކޮށް، ފައިދާ ބޮޑުކުރަމުންނެވެ. އަދި އެކުންފުންޏަކީ ކުރު މުއްދަތެއްގެ ތެރޭގައި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ވެސް ދެމުން އަންނަ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ޝުއޫރު