ވިޔަފާރި
އެމް-ފައިސާއިން ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފި
އުރީދޫގެ ސީއީއޯ ޚާލިދް އަލް- ހަމާދީ އާއި ދެކުނު އޭޝިއާގެ މަނީގްރާމް ރީޖަނަލް ހެޑް ނަވީދު އަޝްރަފު---
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ މަނީގްރާމްއާއި އުރީދޫގެ އެމް-ފައިސާގެ ޕާޓްނާޝިޕެއްގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވޭނެ ޚިދުމަތް ތައާރަފުކޮށްފިއެވެ.


މަނީގްރާމް އިންޓަނޭޝަނަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ. މި ޕާޓްނަޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުށް، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަކަމާ އެކު ފައިސާ ފޮނުވުމުގެ މަގު މިހާރު އެވަނީ ހަމަޖެހިފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންގެ ބެންކު އެކައުންޓް، މޯބައިލް ވޮލެޓް ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ގޮތަށް ފައިސާ ފޮނުވޭނެ އެވެ. މިއީ ފައިސާ ލިބޭ ފަރާތް ދިރިއުޅެމުންދާ ގައުމުގައި ލިބޭ ހިދުމަތަށް ރިއާޔަތް ކޮށްފަ އެވެ. 

އުރީދޫގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ޚާލިދް އަލް-ހަމާދީ ވިދާޅުވީ އެއީ ގިނަ ބަޔަކަށް ފަސޭހަތަކެއް ފޯރުކޮށްދޭނެ ޚިދުމަތެއް ކަމަށެވެ.

"އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ އަދި މަނީގްރާމްއާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ރާއްޖޭގައި މިއަދު މިފެށުނީ. ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި، ވިޔަފާރިވެރިން އަދި ދުނިޔޭގެ އެކި ހިސާބުގައި އުޅޭ ދިވެހި ކިޔަވާކުދިންނަށް ބޭނުންވެފައިވަނީ އަވަސް، ފަސޭހަ އަދި ރައްކާތެރި ޚިދުމަތެއް،" އޭނާ ވިދާޅުވި އެވެ.

ސީއީއޯ އިތުރަށް ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބޭނެކަމަށާއި، މި ޚިދުމަތް ދިނުމުގައި މަނީގްރާމް ފަދަ ތަޖުރިބާކާރު ކުންފުންޏަކާއެކު ކުރިއަށް ދިޔުމަކީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް އެންމެ ރަގަޅަށް ދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އަދި މި ޚިދުމަތްތަކަކީ އެންމެންނަށް ފަސޭހަކަމާއެކު ލިބޭ ޚިދުމަތްތަކަށް ހެދުމަށް އަބަދުވެސް އުރީދޫއިން މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މަނީގްރާމްގެ ދެކުނު އޭޝިއާގެ ރީޖަނަލް ހެޑް ނަވީދު އަޝްރަފް ވިދާޅުވީ އުރީދޫ މޯލްޑިވްސްއާ އެކު މިވެވުނު އެއްބަސްވުމާއެކު ރާއްޖެއިން ފައިސާ ފޮނުވުމުގެ ހިދުމަތްވެސް މިއަދުން ފެށިގެން ފަހިވެގެން ދާނެ ކަމަށެވެ.

"ހަމަ މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންނަށް ފައިސާ ފޮނުވުމުގައި ކަސްޓަމަރުންނަށް ފަސޭހަ އަދި ރައްކާތެރި މަގެއް ހުޅުވުގެން ދިޔައީ،" ނަވީދު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްއަށް ލައިސަންސް ލިބުމާއެކު، އިންޓަނޭޝަންލް ޕާޓްނަރުންނާއެކު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ. ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރާތަކަށްވެސް، އެމް-ފައިސާގެ ހިދުމަތް، އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތާއެކު ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު