ވިޔަފާރި
ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ފަސް މާކެޓު
ޗައިނާ ޓޫރިސްޓުންތަކެއް ފްލައިޓުން ފައިބަނީ. ފޮޓޯ: މިހާރު
މި އަހަރުގެ ޓޫރިޒަމްގެ ހިސާބުތަކަށް ބަލާއިރު މި ހުސްވި ހަފްތާގެ މެދަކާ ހަމައަށް އިންޑިއާ އޮތީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ފަސް ވަނައިގަ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީ އިން އެންމެ ފަހުން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން އިންޑިއާ ވަނީ ފަހަތަށް ސޮއްސާލައިފަ އެވެ. އިންޑިއާ އޮތް ފަސް ވަނާގައި މިހާރު އޮތީ ޖަރުމަނެވެ. 

އިންޑިއާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.

މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް މި އަހަރު ތެރޭ އިންޑިއާއިން ރާއްޖެ އައިސްފައިވަނީ 28،017 ފަތުރުވެރިންނެވެ. މިދިއަ އަހަރުގެ އެ މުއްދަތުގައި 41،000އަށް ވުރެ ގިނައިން އިންޑިއާގެ ޓޫރިސްޓުން އަ އެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް އިންޑިއާގެ ޓޫރިސްޓުންގެ އަދަދު 13،000 މަދެވެ.

ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ފަސް މާކެޓު

  • ޗައިނާ -55،641 ފަތުރުވެރިން

  • ރަޝިއާ - 43،382 ފަތުރުވެރިން

  • އިޓަލީ - 42،484 ފަތުރުވެރިން

  • އިނގިރޭސިވިލާތް - 39،960 ފަތުރުވެރިން

  • ޖަރުމަނު - 28،674 ފަތުރުވެރިން

ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 15.9 ޕަސަންޓް އިތުރުވެފަ އެވެ.

ޗައިނާގެ މާކެޓާ އެކު ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވި އިރު ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ އަށް އެ ގައުމުގެ އިތުރު އެއާލައިންތަކުން ދަތުރުތައް ފަށާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވެ އެވެ. މި ވަގުތު ބެއިޖިން ކެޕިޓަލް އެއާލައިނާއި ޗައިނާ އީސްޓާން އާއި ޝީޒުއާން އެއާލައިނުން ވެސް އަންނަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ކުރަމުންނެވެ. މި މަހު ވަނީ އެ ގައުމުގެ ޒިއޭމަން އެއާލައިންގެ ޗާޓަރު ދަތުރުތަކެއް ވެސް ފަށައިފަ އެވެ.

މި އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން ދެ މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު