ދީން
ރަމަޟާން މަހަށް ރަނގަޅަށް ތައްޔާރު ވާން ހުތުބާގައި ގޮވާލައިފި
ބުއްދިވެރިއަކީ ހަޔާތުގެ އެންމެހާ ކަންތައްތައް ތަރުތީބުކޮށް، އިސްކަން ދޭންޖެހޭ ކަންތައްތަކަށް އިސްކަންދީ، ވާޖިބުތައް އަދާކުރުމަށް އަވަސްވެގަންނަ މީހާކަމަށް ވިދާޅުވެ ރަމަޟާން މަހުގެ ފައިދާ ހާސިލުކުރުމަށް ރަނގަޅަށް ތައްޔާރުވުމަށް ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

ރަމަޟާން މަހަށް އިސްތިގުބާލު ކުރުމުގެ މައްޗަށް މިއަދުކީ ހުކުރު ޚުތުބާގައި ބުނީ، ރޯދައަށް ފުރިހަމަ ގޮތުގައި ތައްޔާރުވުމަށް އެކަމާ ގުޅޭ މައުލޫމާތު އުނގެނި ދަސްކުރަން ޖެހޭކަމަށެވެ. އެގޮތުން ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާ ރޯދަ ގެއްލޭ ކަންތައްތަކާ ރޯދައިގެ ސަވާބު އުނިކުރާ ކަންކަން ދެނެގަންނަން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

"ތަރާވީހު ނަމާދާއި، އިއުތިކާފަށް އިނުމާއި، ގުރުއާން ކިޔެވުން ގިނަ ކުރުމާއި، ސަދަގާތް ކުރުން އިތުރުކުރުމާއި، ފިތުރު ޒަކަތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހިވާގިވާށެވެ،" "ރަމަޟާންމަހަށް އިސްތިގުބާލުކުރުން" މި މަޢުޟޫއަށް އިއްވި ހުތުބާގައި ބުންޏެވެ.

މިއަދުގެ ހުތުބާގައި ގޮވާލާފައިވަނީ ތެދުވެރި ތައުބާއަކުން ތައުބާވެ، ރަމަޟާން މަހާ އިސްތިޤްބާލު ކުރާށެވެ! ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މަޢުލޫމާތު އުނގެނި ދަސްކުރާށެވެ! ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަގެއްލޭ ކަންތައްތަކާއި ރޯދައިގެ ޘަވާބު އުނިކުރާ ކަންތައްތައް ދެނެގަންނާށެވެ! ތަރާވީޙު ނަމާދާއި، އިޢުތިކާފަށް އިނުމާއި، ޤުރްއާން ކިޔެވުން ގިނަކުރުމާއި، ޞަދަޤާތް ކުރުން އިތުރުކުރުމާއި، ފިޠުރު ޒަކާތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހީވާގިވުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. 

ހުތުބާގައި ބުނީ ކީރިތިރަސޫލާ މުހައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމައަށް އިގުތިދާވާ މީހުންނަކީ ރަމަޟާންމަހު ދުވާލު ރޯދަހިފާ، ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކުރާ މީހުންކަމަށެވެ. އަދި ކީރިތި ރަސޫލާ ރަމަޟާން މަހު، އަޅުކަމުގައި އެހެން މައްސަރުތަކަށް ވުރެބޮޑަށް ހީވާގިވެވަޑައިގެންނެވި ކަމަށާއި ޚާއްޞަކޮށް ފަހުދިހައިގެ ރޭތަކުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ވެސް އަވަހާރަފުޅުން ނަންގަވައި އެރޭތައް އިޙްޔާކުރެއްވުމުގައި ބައިވެރި ކުރެއްވިކަމަށެވެ.

ރަމަޟާންމަހަކީ އެކަލާނގެ ބަރަކާތުން ފުރިގެންވާ މަހެކެވެ. "އެމަހުގެ ފުރަތަމަރޭ އެކަލާނގެ، އަޅުންނަށް ބައްލަވައި ވޮޑިގަންނަވާނެއެވެ. އެކަލާނގެ ބައްލަވައިވޮޑިގެންނެވި އަޅަކު ދުވަހަކުވެސް ނަރަކައަކަށް ނުވައްދަވާނެއެވެ." ރަމަޟާންމަހުގެ ރޭތައް ރަނގަޅު ގޮތުގައި އިޙްޔާކޮށް ދިރުވުމުގެ މުހިއްމުކަން ބަޔާން ކޮށްދެއްވަމުން ރަސޫލާ z ޙަދީޘްކުރައްވާފައި ވެއެވެ. (مَنْ قَامَ رَمَضَانَ إِيـْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)[2] މާނައީ: "މާތް ﷲ އަށް އީމާންވެ އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ޘަވާބު އަދައިގެން ރަމަޟާންމަހު ރޭއަޅުކަންކޮށްފި މީހާގެ އިސްވެދިޔަހައި ފާފަތައް ފުއްސަވައި ދެއްވާނެތެވެ. "އެހެންކަމުން ރަމަޟާންމަހުގެ ރޭތައް ބޭކާރު ގޮތުގައި ނަގައިނުލުމަށް ވަޞިއްޔަތް ކުރާ ކަމަށް ހުތުބާގައި ބުންޏެވެ.

" ރޯދަވެރިޔާ އަރާރުންވުމާއި، ދޮގުހެދުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ފުރައްސާރަ ކުރުންފަދަ އިސްލާމްދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ވާޖިބު ކަމެކެވެ. މިފަދަ ކަންތައްތައް ކުރާމީހާގެ ރޯދަ ބާޠިލުނުވިޔަސް އޭނާ ރޯދައަށް ހުރުމުން ލިބެން ޖެހޭ ފުރިހަމަ ދަރުމައާއި ސަވާބެއް ނުލިބޭނެ އެވެ. ރޯދަވެރިޔާ ހަމައެކަނި ކެއިންބުއިން ދޫކޮށްލައިގެން ހުރުމަށް މާތް ﷲ އެދިވޮޑިއެއް ނުގަންނަވައެވެ." ހުތުބާގައި ބުންޏެވެ.

ހުތުބާގައި ވަނީ ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރުކަން ފާހަގަކުރައްވާ ސަލަފުއްޞާލިޙުން މި މާތް މައްސަރުގެ ރޭތަކާއި ދުވަސްތައް، އަޅުކަންކުރެއްވުމުގައި ގަދައަޅުއްވައި މަސައްކަތް ކުރެއްވިކަމަށެވެ. ރަމަޟާން މަހަށް މަރުޙަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެނެއް ނޫންކަމަށާއި ބުއްދިވެރިއަކީ ހަޔާތުގެ އެންމެހާ ކަންތައްތައް ތަރުތީބުކޮށް، އިސްކަން ދޭންޖެހޭ ކަންތައްތަކަށް އިސްކަންދީ، ވާޖިބުތައް އަދާކުރުމަށް އަވަސްވެގަންނަ މީހާކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި ރަމަޟާން މަހުގެ ފައިދާ ހާޞިލު ކުރެވޭނީ އެމަހަށް ރަނގަޅަށް ތައްޔާރު ވެގެންކަމަށް ޚުތުބާގައި ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު