ވިޔަފާރި
އަންނަ މަހުން ފެށިގެން ބޯޓު ފަހަރުން ފީ ނަގާނީ ޑޮލަރުން..!
އެމްޕީއެލްގެ ސީއީއޯ ވަޖީހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: އެމްޕީއެލް
ރާއްޖެ އަށް ލިބޭ ޑޮލަރު ހިފަހައްޓައި، ޑޮލަރުގެ ބާޒާރު ހަމައަކަށް އަޅުވަން މާލެ ވިޔަފާރި ބަނދަރު ބަލަހައްޓަން އެމްޕީއެލް އިން މުހިންމު ފިޔަވަޅެއް އަޅަން ނިންމައިިފި އެވެ. އެއީ އަންނަ މަހުން ފެށިގެން ބޭރުގެ އެޖެންޓުން ވިޔަފާރި ބަނދަރަށް ދައްކާ ފީ ޑޮލަރުން ބަލައިގަންނަން ފެށުމެވެ. 

އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޖީހު ވިދާޅުވީ، ރާއްޖެ އަށް މުދާ އެތެރެކުރާ ޝިޕް އެޖެންޓުން، ދިވެހި ވިޔަފާރިވެރިން އަތުން ޑޮލަރުން ފައިސާ ނަގާ އިރު، އެ ޝިޕްއެޖެންޓުން އެމްޕީއެލް އަށް ފައިސާ ދައްކަނީ ރުފިޔާ އިން ކަމަށެވެ. އެކަމަކު، އެކަން ބަދަލު ކުރުމަށް އެ ކުންފުނިން މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޝިޕް އެޖެންޓުން ކަޅު ބާޒާރުން 17ރ. ނުވަތަ 18ރ. އަށް ޑޮލަރު މާރުކުރުމަށް ފަހު، އެމްޕީއެލް އަށް ފީ ދައްކަނީ ބޭންކް ރޭޓު، 15.42ރ. ގެ ރޭޓުން ކަމަށެވެ

"އަހަރެއްގެ މައްޗަށް މި ދައްކަނީ 30 މިލިއަން ޑޮލަރުގެ ވާހަކަ. މިއީ ކުރަން ޖެހޭ ކަމެއް،" ވަޖީހު ވިދާޅުވި އެވެ.

ރާއްޖެ އަށް މުދާ ގެންނަ ފަރާތްތަކުން ބޯޓަށް ފައިސާ ދައްކަނީ ޑޮލަރުން ކަމަށާއި އެ ފަރާތްތަކުން ރުފިޔާ އިން ފައިސާ ދައްކާ ނަމަ އިމްޕޯޓު މުދާ ގެންނަ ފަރާތްތަކުން 20 ޕަސެންޓް އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށް ވަޖީހު ވިދާޅުވިއެވެ.

މިއީ އިންސާފެއް ނޫން ކަން ފާހަގަ ކުރައްވައި ވަޖީހު ވަނީ އެއާޕޯޓުން ވެސް ބޯޓުތަކުން ނަގާ ފީތައް ދައްކަނީ ޑޮލަރު ކަމަށެވެ. އެހެންވެ، އެމްޕީއެލް އިން ވެސް އެޖެންޓުންނާއި ކަނޑު ބޯޓުތަކުން ޑޮލަރުން ފީ ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގެންނަ ބަދަލުގެ ސަބަބުން ރާއްޖެ އަށް ގެންނަ މުދަލުގެ އަގަށް ބަދަލެއް ނާންނާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވި އެވެ. ސަބަބަކީ، މިއީ، ރާއްޖެ އަށް މުދާ އެތެރެކުރާ ފަރާތްތަކުން ދައްކަން ޖެހޭ ފީއާ ގުޅޭ ކަމަކަށް ނުވުމެވެ.

އެމްޕީއެލް އިން 2011 ވަނަ އަހަރާ ހަމައަށް އެޖެންޓުންގެ އަތުން ފީ ނަގަމުން ދިޔައީ ޑޮލަރުންނެވެ. ނަމަވެސް، އޭރު ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަތުތަކާ ގުޅިގެން އެ އަހަރުގެ ފަހުން ބޯޓުތަކުން ފީ ނަގަން ފެށީ ރުފިޔާއިންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު