ޚަބަރު
ކުޑަކުދިންގެ އޮރިޔާން ޑައުންލޯޑްކުރި މައްސަލަތަކެއް ތަހުގީގުކުރަނީ
ކުޑަކުދިންގެ އޮރިޔާން ފެންނަ ތަކެތި ޑައުންލޯޑު ކުރާތީ، އެ ފަދަ ކަންކަން މޮނީޓާކުރާ ބޭރުގެ ފަރާތްތަކުން ހުށަހެޅި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ދިވެހި ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުޑަކުދިންނާ މެދު ކުރާ ކުށްތައް ތަހުގީގުކުރާ ޑިޕާޓްމެންޓްގެ އެކްޓިން ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސޮފްވަތު ރައުފް ވިދާޅުވީ، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ޑައުންލޯޑް ކުރާ މީހުންގެ މައުލޫމާތު ބޭރުގެ އިދާރާތަކުން ހިއްސާކުރުމާ ގުޅިގެން ދެ މައްސަލައެއްގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ހުށަހަޅާފައިވާ ކަމަށާއި ދެވަނަ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގައި ވެސް ފާހަގަކޮށްލެވޭ އެއް ކަމަކީ ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ނިސްބަތްވާ އައިޑީތަކާއި މޮބައިލް ނަމްބަރުތައް ހިމެނޭ ގޮތުން، މިގޮތަށް މި ޑައުންލޯޑް ކުރާ ކުޑަކުދިންގެ ފޮޓޯ ވީޑިއޯގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި އަޅުގަނޑުމެން ބަލަމުން މިދަނީ،" ސޮފްވަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފޮޓޯތަކާއި ވީޑިއޯތަކުގައި ދެ އަހަރު ކަމަށް ބެލެވޭ ކުދިން ވެސް ހިމެނޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހެއް ކަމަށް ސޮފްވަތު ވިދާޅުވި ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.

ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަނުން ދިމާވެ، ގެސްޓް ހައުސްތަކަށް ގެންދިއުމަށް ފަހު، ގަދަކަމުން ހިފަހައްޓައި، ރޭޕްކޮށް، އޮރިޔާން ފޮޓޯ އާއި ވީޑިއޯ ނަގައިގެން ވެސް ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ގިނަވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ނިސްބަތްވާ އައިޑީތަކާއި ފޯނު ނަންބަރުތަކުން މިގޮތަށް ޑައުންލޯޑްކުރާ ކުޑަކުދިންގެ ފޮޓޯ އަދި ވީޑިއޯގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލަމުންގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން ކުޑަކުދިންނަށް އެކިކަހަލަ ގޯނާ ކޮށްގެން ހުށަހެޅޭ މައްސަލަަތައް އިތުރުވަމުންދާކަން ފާހަގަކޮށް ފުލުހުން ބުނެފައިވަނީ މިފަދަ މައްސަލަތަކަކީ ވަރަށް ޚައްސާސް މައްސަލަތަކަށްވުމުން މިފަދަ މައްސަލައެއްގެ މައުލޫމާތު ލިބޭހިސާބުން އަދި ކުއްޖަކަށް ކޮންމެ ބާވަތެއްގެ އަނިޔާއެއް ލިބުނު ކަމަށްވިނަމަވެސް އެކަން ސިއްރު ނުކޮށް ފުލުހުންނަށް ވީހާވެސް އަވަހަކަށް ހިއްސާ ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ފުލުހުން ބުނެފައިވަނީ ބައެއް ފަހަރު މިފަދަ މައްސަލަތައް ރިޕޯޓް ކުރުމުގައި ވަރަށް ބޮޑަށް ލަސްވާ ކަމަށާއި އަދި ބައެއް ފަރާތްތަކުން މިފަދަ މައްސަލަތައް ސިއްރު ކުރުމަށް މަސައްކަތް ކުރާކަންވެސް ފާހަގަ ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު