ޚަބަރު
ހުޅުމާލޭގައި ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރުމަށް އެޗްޑީސީގެ ހުއްދަ ހޯދަން އެދިއްޖެ
ކެމްޕެއިން މެޓީރިއަލް ހަރުކުރުމަށް ހުއްދަ ދިނުމަށް ހުޅުމާލޭ ގައި ވަކި ސަރަހައްދުތަކެއް ކަނޑައަޅާ ހުއްދަ ހޯދައިގެން އެޗްޑީސީގެ ލަފަޔާ އިރުޝާދާ އެކު އެކަން ކުރުމަށް އެ ކޯޕަރޭޝަނުން އެދިއްޖެ އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއް ގައި ބުނީ، މަޖިލީސް އިންތިހާބުގެ ކެމްޕެއިން ކުރުމަށް ހުޅުމާލެ ފޭސް އެކަކާއި ދޭއްގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ފަދަ ތަކެތި ހަރުކުރަމުންދާއިރު އެ ސަރަހައްދުތަކުގައި އާންމުން ހިދުމަތްތައް ފޯރުކޮށް ދިނުމަށް ސާވިސް ޕްރޮވައިޑާ އިން އަޅާފައިވާ ނެޓްވޯކްތަކަށް ގެއްލުން ނުވާނެ ހެން މަސައްކަތް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

އަދި އިންތިހާބުތަކާ ގުޅިގެން ކެމްޕެއިން ބެނާއާއި ކެންވަސް ފަދަ މެޓީރިއަލް ހަރުކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކަމާއެކު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"..އެއީ ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރެވޭ ސަރަހައްދުތަކުގެ ގޮތުން ކަރަންޓް ކޭބަލްއާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުން ލިބި ހިދުމަތް މެދުކެނޑޭ ފަދަ ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުންނަށް މީގެ ސަބަބުން ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިދާނެތީ އެވެ،"

އެ ކޯޕަރޭޝަނުން ބުނީ ކުރިއަށް އޮތްތަނުގައި ކެންވަސްތަކާއި ބެނާތައް ހަރުކުރާއިރު އެކަންކަމަށް ސަމާލުވުމަށާއި ހަރުކުރުމުގެ ކުރީން އެޗްޑީސީގެ ހުއްދަ ހޯދާ އެ ކޯޕަރޭޝަންގެ އިރުޝާދާއި ލަފަޔާ އެކު ކުރިއަށް ގެންދިއުމަށް އަންގާ ކަމަށެވެ. އެޗްޑީސީން ވަނީ ކެމްޕެއިން މެޓީރިއަލް ހަރުކުރުމަށް ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ޗާޓެއް ވެސް އާންމުކޮށްފައެވެ.

ވިހިވަނަ މަޖިލީސް އިންތިހާބަށް މުޅި ހުޅުމާލޭ ގައި ކެމްޕެއިން ބެނާތަކާއި ބޮޑެތި ޕޯސްޓަރުތައް ވަނީ ހަރުކޮށްފައެވެ. ބިމު އަޑިއަށް ހޮޅި ޖަހައިގެން ބޮޑެތި ޕޯސްޓަރުތައް ގިނަ ސަރަހައްދުތަކެއް ގައި ޖަހާފައިވެ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު