ޚަބަރު
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 1500 އަށް އަރައިފި: ސޯލިހު
ރޭގެ ޖަލްސާގައި ސޯލިހް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ
ސަރުކާރުގެ ހަރަދު ބޮޑުވެގެން ދިޔައީ ސިޔާސީ މަގާމުތައް އިންތިހާ އަށް އިތުރު ކުރުމުން ކަމަށާއި އަންދާޒާ ކުރެވޭ ގޮތުގައި މިހާރު ވެސް ސިޔާސީ މަގާމުތަކުގެ އަދަދު 1،500 އަށް ވުރެ އިތުރުވެއްޖެ ކަމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ އިފްހާމް ހުސައިންގެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ މަގާމުތައް އިތުރުވެ ގޮނޑި މޭޒު ނެތް ކަމަށެވެ.

"އެނގޭ ކަމަކީ ސިޔާސީ މަގާމުތަކަށް މީހުން އެބަ ލާކަން ފުނިފުންޏަށް. ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގައި ކިޔު ޖެހިފަ ތިބޭ ކަމަށް އެބަވޭ. ޑިއުޓީ ބަހައިގެން، ޑިއުޓީ ބަހައިގެން މޭޒު ހަވާލުކުރަމުން އެބަދޭ ގޮނޑި ނެތިގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އުފައްދާފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު އެނގޭނީ ސަރުކާރުން އެ އަދަދުތައް ހާމަކުރުމުން ކަމަށާއި 1،500 އަށްވުރެ ގިނަ ސިޔާސީ މަގާމު އުފައްދާފައިވާ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

"އަންދާޒާ މިހާރު ކުރެވޭ ގޮތުގައި، އެ ބޭފުޅުން މައުލޫމާތު ދެއްވީމަ އެނގޭނީ، 1500 އަށް ވުރެ ގިނަ ސިޔާސީ މަގާމު މިހާރު ވާނީ އުފައްދާފައި. އެހެން ނަމަކަ މަހެއްގެ މައްޗަށް 100، 150 މިލިއަން ރުފިޔާ ރިކަރަންޓު ހަރަދަށް، މުސާރައަކަށް ހަރަދު ކުރަން ނުޖެހޭނެ،" ސޯލިހު ވިދާޅުވި އެވެ.

"އިސްރާފު އިންތިހާއަށް، އިސްރާފު އިންތިހާއަށް. މިހާރު ހުއްޓާލާފަ އެހުރި ޕްރޮޖެކްޓުތައް ދެން އަލުން ފައްޓަން ވެއްޖިއްޔާ ވާނީ ކިހިނެއްތޯ؟ ދެގުނަ އިތުރަށް ހަރަދު އަނެއްކާ ވެސް ކުރަން ޖެހޭނީ. އަނެއްކާ ވެސް ތިބޭފުޅުންގެ ލާރި، ތިބޭފުޅުންގެ ފައިސާ ހަރަދުވެގެން އެދަނީ."

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިއަދު މިއޮތް ސަރުކާރަށް ލިބިއްޖެ ނަމަ، "ހީނުކުރާ ވަރުގެ ދަތި އުނދަގޫ ނާމާން ހާލަތަކަށް މި ގައުމު ވެއްޓިގެން ދާނެ" ކަމަށް ސޯލިހު ވިދާޅުވި އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު