ޚަބަރު
ޣައްސާން 241 ކޮމިޓީއަށް ހާޒިރުކުރަނީ
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ -- 241 ކޮމެޓީއަށް ހާޒިރު ކުރަން އެ ކޮމެޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި މެންބަރު ހަސަން ލަތީފް ވަނީ، މޭ 6 ބޮމުގެ ހަމަލާގައި އިތުރު މައުލުމާތު ހިއްސާކުރަން ހުރިކަން މިނިސްޓަރު ޣައްސާން ފާހަގަކުރައްވާފައިވާތީ އެ މައުލޫމާތު ހޯދުމަށް އަދި ޑްރޯން ގަތުމުގެ މުއާމަލާތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް މިނިސްޓަރު ޣައްސާން ހާޒިރު ކުރުމަށް އެދިވަދައިގެންފައެވެ.

އެހެންކަމުން 241 ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ މިނިސްޓަރު ޣައްސާން އެ ކޮމިޓީއަށް ހާޒިރުކުރުމަށެވެ. ކޮމެޓީން ފާސް ކުރީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ޣައްސާން އެ ކޮމެޓީއަށް ހާޒިރުކޮށް މައުލޫމާތު ހޯދުމަށެވެ. 

ޣައްސާން، ކޮމެޓީއަށް ހާޒިރު ކުުރުމަށް ހުށައެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ހަސަން އެެގޮތަށް ހުށައެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ލިބިފައިވާ ކަމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިދާޅުވުމާއި ގުޅިގެން އެ މައުލޫމާތު ސާފު ކުރެއްވުމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާއަށް ސަރުކާރުން ހޯދައިދިން އެންމެ ޒަމާނީ ޑްރޯންތައް ގަތް އަގު ސާފު ކުރުން ވެސް ޣައްސާން ހާޒިރު ކުރަން ހުށައަޅާ ސަބަބުތަކުގެ ތެރޭގައި ހަސަން ހިމެނުއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތު 241 ކޮމެޓީގެ ސިއްރު ބައްދަލްވުމެއް ގައި ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރު ޣައްސާން ވަނީ ވިދާޅުވެފައެވެ. އެ މައުލޫމާތު ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު