ޚަބަރު
ސަރުކާރަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ ފްލެޓް ލިސްޓް އޮޅާލާނެ: ސޯލިހު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ކުރީގެ ސަރުކާރުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ނެރުނު ފްލެޓް ލިސްޓް "އޮޅާލާނެ" ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި ރޭ އެމްޑީޕީން ހުޅުމާލޭގައި ބޭއްވި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބޫ ވިދާޅުވީ އެމްޑީޕީއަށް މިއަދު ވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތް ނަމަ، ރައީސް މުއިއްޒުގެ އަމިއްލަ ލިސްޓަކަށް ފްލެޓްތައް ބަހާލައި ނިންމާލާނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

"އެހެން ނޫން ނަމަ، ތިން މަސް ހަތަރު މަސް ވެގެންދާއިރު މިކަން ނުކޮށް ތިބެންވީ އެއްވެސް ސަބަބެއް ނެތް. ވަރަށް ހާމަކަމާ އެކު ކޮށް ނިންމާފައި އޮތް ކަމެއް. ފުރަތަމަ ވިދާޅުވީ ކީކޭތޯ އެއްވެސް ބޭފުޅަކަށް ސަރުކާރުގެ އެއްވެސް ލިޔުމެއް ލިބިފައިވާ ނަމަ ޝައްކު ނުކުރާށޭ އެ ބޭފުޅަކަށް ފްލެޓާއި ގޯތި ދޭނަމޭ. ހަފުތާއެއް ނުވެ ބަދަލުވެއްޖެ،" އިބޫ ވިދާޅުވި އެވެ.

ސޯލިހް ވިދާޅުވީ މި ސަރުކާރުން ފްލެޓްތައް ނުދީ ދިގު ދަންމަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ މެޖޯލިޓީ ލިބޭނެ ކަމަށް ހީކޮށްގެން ކަމަށެވެ. އަދި މެޖޯރިޓީ ލިބިއްޖެނަމަ ފްލެޓް ލިސްޓު އޮޅުވާލާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ ހައްގުގައި ތެދުވަން ޖެހޭ ކަމަށާއި އެމްޑީޕީން ތިބޭނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތައް ހޯދަން ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން ޑރ. މުއިއްޒު ހީފުޅުކުރައްވަނީ ކަންނޭނގޭ ރައްޔިތުންނަކީ އެހާ ގަމާރު ބަޔެކޭ. ނޫން އެހެނެއް ނޫން މިއަދު ދިވެހި ރައްޔިތުން ތިބީކީ. އެ ދައްކަވަނީ ކޮން ވާހަކައެއްކަން އެ ހަދަނީ ދޮގުކަން ވަރަށް ސާފުކޮށް އެބަ އެނގޭ،" ޞާލިހު ވިދާޅުވި އެވެ.

އެއާއެކު، ޞާލިޙް ވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް އާ މަޝްރޫއުތައް ފަށަން ޖެހޭނީ މި ވަގުތު ފަށާފައިވާ މަޝްރޫއުތައް ނިންމާލުމަށްފަހު ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ރާވަމުން ދަނީ "ބިއްލޫރި ހޮޅިއެއް"ގެ ތެރެއިން މާލޭގެ ރައްޔިތުންނާއި ދަފުތަރުގެ ރައްޔިތުން ފުށިދިއްގަރަށް ގެންދިޔުމަށްކަން ފާހަގަކުރައްވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު