ޚަބަރު
މެރިޓައިމް ސަރވެއިލެންސް އެންޑް ބޯޑަރ ޕްރޮޓެކްޝަން ސެކްޝަން ކަސްޓަމްސްގައި އުފައްދައިފި
ކަސްޓަމްސްގެ އާ ސެކްޝަނުން ބޭނުން ކުރަން ހަމަޖެހިފައިވާ ޔުނީފޯމް
ރާއްޖޭގެ ކަނޑުގެ ހާއްސަ އިގުތިސޯދީ ސަރަހައްދު (އީއީޒެޑް) ބަލަހައްޓަން ކުރާ މަސައްކަތަށް ހާއްސަ ކޮށްގެން ކަސްޓަމްސްގެ ހާއްސަ ސެކްޝަނެއް އުފައްދައިފި އެވެ.

ކަސްޓަމްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަަލަށް އުފެއްދި "މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން" އަކީ ކަސްޓަމްސްގެ ކޮންޓްރޯލް ސަރަހައްދުތަައް ބެލަހެއްޓުމަށާއި މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވަން އޮޕަރޭޝަންތައް ހިންގުމަށާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ހުރި އުޅަނދުފަހަރުގެ ކަންކަން ބެެލެހެއްޓުން ހަރުދަނާ ކުރަން ގާއިމްކުރި ސެކްޝަނެއް ކަމަށެވެ.

މި ސެކްޝަނުގެ މެންޑޭޓުގައި ސަވައިލެންސް ޑްރޯން ފަދަ އާލާތްތައް ބޭނުންކޮށްގެން އުޅަނދުފަހަރުތައް މޮނިޓާ ކުރުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަސްޓަމްސްއިން ތަންފީޒުކުރަން ޖެހޭ ކަންކަން ތަންފީޒުކުރަން ގައުމީ ދިފާއީ ބާރާ ގުޅިގެން އޮޕަރޭޝަންތައް ހިންގުން ހިމެނެ އެވެ.

ކަސްޓަމްސްއިން ބުނީ މި ސެކްޝަނަށް ހާއްސަ ލޯގޯ އަކާއި ޔުނީފޯމެއް ފަރުމާކުރެވި، ސެކްޝަނަށް ބޭނުންވާ އުޅަނދުފަހަރާއި ވަސީލަތްތަކާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމަށް މިހާރު ވެސް ޗައިނާ އެމްބަސީ އިންނާއި އެމެރިކާގެ "އެކްސްޕޯޓް ކޮންޓްރޯލް އެންޑް ރިލޭޓަޑް ބޯޑާ ސެކިއުރިޓީ"ގެ ފަރާތުން ޔަގީންކަން ލިބިފައިވާ ކަމަށް ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން މަސައްކަތްތައް ފެށީ ކަސްޓަމްސްގެ މެރިޓައިމް އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ދެ އުޅަނދާ އެކު އެވެ. އަދި ޖަޕާނުން މިފަހުން ކަސްޓަމްސް އަށް ހަދިޔާކުރި ނަމަވެސް، އަދި ރާއްޖެ ގެނެސްފައިނުވާ 30 ފޫޓުގެ ދެ ޕެޓްރޯލް ވެސެލް ވެސް ބޭނުން ކުރަން ހަމަޖެހިފައިވަނީ އާ ސެކްޝަނުގެ މަސައްކަތަށް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު