ވިޔަފާރި
ޖޫން މަހު އިހަވަންދިއްޕޮޅު ބަންކަރިން ފެސިލިޓީގެ މަސައްކަތް ފެށޭނެ: ސައީދު
އިހަވަންދިއްޕޮޅު ބަންކަރިން ފެސިލިޓީގެ އެއްބަސްވުމުގައި ސޮއިކުރަނީ
އިހަވަންދިއްޕޮޅުގައި މި ސަރުކާރުން ގާއިމްކުރާ، އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީގެ މަސައްކަތް ޖޫން މަހު ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ޓީއާރުޓީ ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ވިޓޯލް ބަންކާސްއިން ރާއްޖޭގައި މި ޚިދުމަތް އަންނަ ޖޫން މަހުގެ ތެރޭގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

ބަންކަރިންގެ ހިދުމަތް ދޭނީ 2 ފިޔަވައްސަކަށް ބަހާލައިގެންކަމަށް ވަޒީރު ވިދާޅުވިއެވެ. ފުރަތަމަ ފިޔަވައްސަކީ އޮފް-ޕޯޓް ބަންކަރިންއެވެ. މި ޚިދުމަތް ދިނުމަށް ފިޒިކަލް އިންފްރާސްޓަރަކްޗަރ ބޭނުންނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. ސަބަބަކީ ރާއްޖެއަކީ ޖަޒީރާ ވަށައިގެން ކަނޑު އޮތް ޤައުމަކަށް ވާތީއެވެ. ފުރަތަމަ ފިޔަވަހީގައި ބޯޓުތަކަށް ތެޔޮ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭނީ އަތޮޅުތަކަށް މަޑުކޮށްގެންނެވެ.

2 ވަނަ ފިޔަވަހީގައި ޕޯޓެއް ތަރައްގީކުރުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ޕޯޓު ތަރައްގީކުރާނީ ބޭނުންވާނެ އެހެން ހުރިހާ ހިދުމަތްތަކާއި އެކުގައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

"ރަނގަޅު ބަޔަކާއެކު ޕާޓްނާ ވެވިއްޖެ ނަމަ އަޅުގަނޑުމެން ގަބޫލު ކުރަނީ ބަންކަރިންއަށް ރަނގަޅު މާކެޓްތަކެއް ލިބޭނެ ކަމަށް. މީކީ މިފަދަ އެހެން ގައުމުތަކާ ވާދަ ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން. މިއީ ރާއްޖޭގެ އިގްތިޞާދަށްޓަކާ ކުރާ ކަމެއް،" މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި މި ސަރުކާރުން ގާއިމްކުރާ، އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީގެ މަސައްކަތާއި ތަފްސީލު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގައި ޕޯޓު ގާއިމުކުރުމަށް ނެދަލޭންޑްސްގެ "ވިޓޯލް"އާ ހަވާލުކުރީ މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ.

އިހަވަންދިއްޕޮޅަކީ ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް ހިންގޭ ގޮތަށް، ޒަމާނީ ބަނދަރެއް އަޅަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުން އިއުލާންކުރި ނަމަވެސް، އެ މަޝްރޫއު ހިންގިފައިނުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން "އައިހެވަން"ގެެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓޭޑް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށްފައި ވަނީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރާ ގޮތަށެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމަށް އެކިއެކި ތާރީޚުތައް ދިން ނަމަވެސް އެ ޕްރޮޖެކްޓްގެ އަމަލީ އެއްވެސް މަސައްކަތެއް ފަށައިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު