ޚަބަރު
ހިޔާގެ ލިސްޓުގައި ހިމެނި، ފްލެޓު ނުލިބުނު މީހުންނަށް ފްލެޓްތައް ލިބޭނެ: ރައީސް
ސަރުކާރުގެ ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫއުގެ ތެރެއިން ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް ފްލެޓް ހަމަޖައްސައި ދެއްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ވަނީ، ހިޔާ ފުލެޓު އަތުލި މީހުންނަށް ފުލެޓު ދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަށް މިއަދު ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެ ވައުދު ފުއްދަވާނެ ކަމަށާއި މި ސަރުކާރުން އެންމެ ފުރަތަމަ ފަށާ ސޯޝަލް ހައުސިން އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށުން އެޅޭ ފުލެޓުތަކުން އެމީހުންނަށް ފުލެޓު ހަމަޖައްސައިދޭނެ ކަމަށެވެ.

"އެއީ އަޅުގަނޑުގެ ރިޔާސީ ވައުދެއް. އެ ވައުދު ފުއްދާނަން. އެއި ކުރީ ސަރުކާރުން، ރައީސް ޔާމީން ސަރުކާރު ނިމުނު އިރުގައި ދާއިމީ ލިސްޓުގަ ހިމެނުނު ފަރާތްތައް. ރައީސް ސޯލިހުގެ ސަރުކާރުން، އޭގެ ތެރެއިން އެތައް ހާސް ބަޔަކު އެއްވެސް ކަހަލަ ހަމައެއް ނެތި އުނިކޮށްލާފަ ވަނީ، އެހެންވީމާ އެ ފަރާތްތަކަށް ފުލެޓު ދޭނެ ކަމަށް އަޅުގަނޑު ވާނީ ވައުދުވެފައި. އެ ވައުދު ފުއްދާނަން ވީހާވެސް އަވަހަކަށް. އެންމެ އަވަހަށް އެޅޭ ފުލެޓުތަކުން ދޭނަން." އެމަނިކުފާނު ވިދާޅުވިއެވެ. ނިމިދިޔަ ސަރުކާރުން ވަނީ ހިޔާ ފްލެޓް ލިބުނު ބައެއް މީހުންނަކީ ޝަރުތު ހަމަނުވާ މީހުންކަމަށް ކަނޑައަޅައި، އެ މީހުންނަށް ލިބިފައިވާ ފްލެޓްތައް އަތުލާފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ވަނީ ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު، ނަމަވެސް ފްލެޓް ނުލިބުނު މީހުންނަށް އެމަނިކުފާނުގެ ވެރިކަމުގައި ފްލެޓް ދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ހިޔާ ޓަވަރުގައި އުޅޭ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ސަރުކާރުން ދަނީ ކޮށްދެއްވަމުންނެވެ. އެގޮތުން ހިޔާ ފްލެޓުތަކުން ނަގަމުން ދިޔަ ކުލި ކުޑަކޮށްދެއްވުމުގެ އިތުރުން ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމާއި އެ ސަރަހައްދަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު