ޚަބަރު
މާވަށު ރައްޔިތުންނަށް 30 ހެކްޓަރުގެ ބިން ހިއްކައިދޭނަން: ރައީސް
ރައީސް ޑރ. މުއިއްޒު މިއަދު ލ. މާވަށުގެ ރައްޔިތުންނާ ބައްދަުލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ
ރައީސް މިހެން ވިދާޅުވީ ލ. އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ ލ. މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކުރިން އެރަށުގެ ބިން ހިއްކުމަށް އޮތީ 15 ހެކްޓަރު ކަމުގައިވިޔަސް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްގެންގޮސް ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމުގަ އެވެ. އަދި މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭގޮތަށް އެ ސަރަޙައްދު ހިމާޔަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ހުއްޓިފައިހުރި ބައެއް މަޝްރޫއުތައް އަލުން ފަށައިގެން މިހާރު ކުރިޔަށްދާކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި 50 މިލިޔަނުން ފެށިގެން މަތީގެ ހަރަދުތައް ހިނގާ ބޮޑެތި މަޝްރޫއުތައްވެސް އެކި މަސްތަކަށް ބަހާލައިގެން ކުރިޔަށްގެންދާނެކަމަށާއި އެގޮތުން އެފަދަ ބައެއް މަޝްރޫއުތައް ޖުލައި މަހާ ހިސާބުގައި ފެށޭނެކަމުގައި ރައީސް ވިދާޅުވި އެވެ.

"ތިޔަބޭފުޅުންނަށް (މާވަށް ރައްޔިތުން) ކުރިން އޮތީ 15 ވަރަކަށް ހެކްޓަރުގެ މަޝްރޫއެއްގެ މަސައްކަތް. ރައްޔިތުން ބޭނުން ވަނީ އެ ވަރެއް ނޫން. އަޅުގަނޑު ގަސްދު ކުރަނީ އެއަށް ވުރެ އިތުރު ކުރަން. އެހެންވީމަ އިރާދަކުރެއްވިއްޔާ 15 ހެކްޓަރެއް ނޫނޭ، 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަމޭ." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާ ލަސްތަކެއްނުވެ މާވަށް ކައިރީގައި ޓޫރިސްޓު ރިސޯޓް ތަރައްގީކުރުންވެސް ފެށޭނެ ކަމަށެވެ. އަދި މަގުތައް ތަރައްގީ ކުރުމާއި ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމާއި ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ފަޅު ރަށެއް ކަނޑައެޅުމާއި އެނޫންވެސް ގިނަ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"މި ހުރިހާ ކަމެއް ރޭވިފައި މިއޮތީ. ޕްލޭން ކުރެވިފައި މިއޮތީ. މިކަންކަމުގައި ކުލަ ޖައްސައިދީ ރައްޔިތުން ބޭނުން ގޮތަށް މިކަންކަން ކޮށްދޭން ބޭނުން ވަނީ." ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު