ޚަބަރު
ނިލަންދޫ އެއާޕޯޓަށް ޖެޓް ޖައްސާނެ: ރައީސް
ފ. ނިލަންދޫ އެއާޕޯޓް ތަރައްގީ ކުރާނީ ޖެޓް ޖެއްސޭ ފެންވަރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނިލަންދޫ ރައްޔިތުންނާ ބައްދަލު ކުރުމަށްމި ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ނިލަންދޫގެ ތަރައްގީގެ ލިސްޓުގައި އަބަދުވެސް އޮންނަ އެއާޕޯޓުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމައި ރައްޔިތުން އުންމީދު ކުރާ ފެންވަރު ރަނގަޅު އެއާޕޯޓެއް އޮންނާނެ ކަމަށެވެ.

"ނިލަންދޫގެ ތަރައްގީގެ ލިސްޓުގައި އެކެއް ދޭއް ތިނެއް ގޮސް ދިހަ އަކާ ވެސް އަދި އެ އަށް ވުރެ ވެސް ފަހަތަށް 100 ވަނަ އާ ހަމައަށް ވެސް އޮތް އެއާޕޯޓުގެ މަސައްކަތް ހަގީގަތަކަށް ހަދައިދީ، އެ މަސައްކަތް މިހާރު މި އޮތީ ފެށިފައި. ދެން ނުހުއްޓޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެ އެއާޕޯޓުގައި 1،800 މީޓަރުގެ ދިގު ރަންވޭއެއް ގާއިމް ކުރާނެ ކަމަށާއި އެއީ ޖެޓް ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއާޕޯޓްގެ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ދެން ނުހުއްޓޭނެ ކަމަށެވެ. މީގެ އިތުރުން ނިލަންދޫ ފަޅުގައި ދެ ރިސޯޓާއި ސިޓީ ހޮޓަލެއް ތަރައްގީ ކުރައްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފ. ނިލަންދޫއަކީ ރާއްޖޭގައި ގާއިމުކުރާ ހަތް އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީކުރާނީ 20 އަހަރުގެ މާސްޓަ ޕްލޭނެއްގެ ދަށުން ކަމަށާއި އެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ހޯދޭނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު