ޚަބަރު
ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފި
ކޫއްޑޫގައި އިހުތިޖާޖު ކުރަމުންދިޔަ މަސްވެރިންނާ މިނިސްޓަރު ޝިޔާމް ބައްދަލުކުރައްވަނީ - ފޮޓޯ:ފިޝަރީޒް
މި ސަރުކާރުން 850 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވަޒީރުންނާއި ސުވާލު ކުރުމުގެ ފުރުޞަތު އާއްމުންނަށް ދޭ "އަހާ" ފޯރަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ސަރުކާރުން ހަވާލުވިއިރު މަސްވެރިންނަށް ފައިސާ ނުދެވި ބޮޑު ބެކްލޮގެއް އޮތް ކަމަށެވެ. އަދި އެ ފައިސާ ކުއްލިއަކަށް ދެއްކުމަކީ ޤައުމުގެ އިޤްތިޞާދީ ހާލަތު އޮތް ގޮތުން އުނދަގޫވި ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ބޭނުންފުޅުވި ގޮތަށް މަސްވެރިންނަށް ވީހާވެސް އަވަހަށް ފައިސާ ހަވާލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ފައިސާ ރަމަޟާންމަހުގެ ކުރިން ދައްކާ ހަލާސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން މިހާތަނަށް 850 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

"މަސްވެރިންނަށް މިހާތަނަށް، ރައީސް އެމަނިކުފާނު ޒަޢާމަތާއި ހަވާލުވެވަޑައިގަތް ފަހުން އަަޅުގަނޑަށް ލިބިފައި ހުރި އަދަދުތަކަށް ބަލާއިރު 850 މިލިއަން ރުފިޔާ މަސްވެރިންނަށް ދެއްކިއްޖެ. " މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ. 

ސަރުކާރުން ބުނެފައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ކުރީގެ ސަރުކާރުން މަސްވެރިންނަށް 300 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ މަސްވެރިންނަށް ނުދީ ހުރި ކަމަށެވެ. މި ފައިސާ ލިބުން ލަސްވެ، މި ފަހުން މަސްވެރިން ސިލްސިލާ އިހުތިޖާޖުތަކެއް ވެސް ކުރިއަށް ގެންގޮަސްފައިވެ އެވެ.

މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު