ޚަބަރު
އިންތިހާބަށް ނުފޫޒު ފޯރުވުމަށް ދަނީ މަސައްކަތް ކުރަމުން: ޝާހިދު
މިސަރުކާރުން ކުރާ ކަމަކީ މި މަހު އޮންނަ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވާ އާއްމު ރައްޔިތުންނަށް ބިރު ދެއްކުން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ)ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ލ.ގަމުގައި ބޭއްވި މިސްރާބު ހަމަމަގަށް ޖަލްސާގައި ޝާހިދު ވިދާޅުވީ މިސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ބިރު ދައްކަމުންދާ ކަމަށާއި، ސަރުކާރަށް ތާއީދު ނުކުރާނަމަ ވަޒީފާގެ ވެސް ބިރު ދައްކަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ވަޒީފާގެ ބިރު ދައްކަމުންދަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ. 

އެމްޑީޕީގެ ރައީސް މިފަދައިން ވިދާޅުވިއިރު އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރުދެއްގެ ވޯޓުދިނުމުގެ ހައްގަށް އުނިކަން އަތުވެދާނެ އެންމެހާ އަމަލުތަކުން ދުރުހެލިވެ، ގާނޫނީ އިމުގެ ތެރެއިން ކެމްޕޭން ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން މިއަދު އިލްތިމާސްކޮށްފަ އެވެ.

ގެއްލުން ދިނުމުގެ ނިޔަތުގައި ވެސް ކެންޑިޑޭޓުން އަދި ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރައި ރިޝްވަތުދިނުމާއި ވޯޓު ގަނެވިއްކުމާއި ވަޒީފާގެ ބިރު ދެއްކުމާއި ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުން ދިނުމާއި ކެމްޕެއިނަށް ހުރަސް އެޅުން ފަދަ ކަންކަން ކުރަމުންދާ ކަމަށް އެޗްއާރުސީއެމުން މިއަދު ވަނީ ބުނެފަ އެވެ.

އެހެންކަމުން، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަން ނާންނަގޮތަށް ކެމްޕެއިންކުރަން އެޗްއާރުސީއެމުން ވަނީ އެދިފަ އެވެ.

އިދިކޮޅު އެމްޑީޕީން އެންޓި ކެމްޕެއިން ކުރަމުންދާކަމަށާއި އަދި އެކަންކަން އިލެކްޝަންސް ކޮމިޝަނުން ނުބަލާކަމަށް ބުނެ ވެރިކަންކުރާ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު