ވިޔަފާރި
ހަންކެޑެ ޓޫރިޒަމް މަޝްރޫއު ފަށައިފި
އައްޑޫގެ ޓޫރިޒަމްގެ މޫނުމަތި ބަދަލު ކޮށްލާ ހަންކެޑެ ޓޫރިޒަމްގެ ބިޔަ މަޝްރޫއު ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީއީސީ) އާ ހަވާލުކޮށްގެން މިރޭ ފަށައިފި އެވެ.  

މި މަޝްރޫއަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫއެވެ.

އައްޑޫ ސިޓީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާންއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިންގިލާބީ ބަދަލެއް ގެނުވައިދިނުމުގެ އިތުރުން، އައްޑޫސިޓީ ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމެވެ. މިއީ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.

މި މަޝްރޫއުއާއެކު އައްޑޫގައި 1,500 ވަޒީފާ އުފެދޭނެ ކަމަށް އެމްއެފްއެމްސީން ލަފާކުރެ އެވެ. މިއީ 25,000 ޓޫރިސްޓުންނަށް އަމާޒުކޮށް ހިންގާ މަޝްރޫއުއެކެވެ.

ރިއަލް އެސްޓޭޓުގެ ބޭނުމަށް ކަނޑައަޅާ ސަރަހައްދުތަކުގެ ބިން ހިއްކުމާއި، ކުއްޔަށް ދިނުމުގެ ކަންކަން ބަލަހައްޓަނީ އެމްއެފްއެމްސީންނެވެ.

މި މަޝްރޫއު ނިމިގެންދާއިރު ނޮލެޖް ސެންޓަރުތަކާއި، މިކްސް ސްޕޯޓް ބިލްޑިންއަކާއި، އައުޓްޑޯރ ބީޗް ސްޕޯރޓްސް އަދި ތިއޭޓަރ ފަދަ ގިނަގުނަ މުނިފޫހިފިލުވުމުގެ ޙިދުމަތް ތަޢާރަފްކުރެވިގެންދާނެ އެވެ. އަދި ފުޑް ކޯޓާއި، ރެސްޓޯރެންޓްތައް ފަދަ ކުދި ވިޔަފާރިތަކުގައި އާންމު ފަރުދުންނަށް ހަރަކާތްތެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި މި ކަންތައްތަކަށް ހާއްސަ އިމާރާތްތައް ބިނާކުރެވިގެންދާނެ އެވެ.

ޒަމާނީ ފެންވަރަށް ކުރިއަށް ގެންދާ މި މަޝްރޫއު މެދުވެރިކޮށް އައްޑޫސިޓީގެ އެންމެހާ ރައްޔިތުންނަށާއި އަދި ޖުމްލަކޮށް މުޅިރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ލިބިގެންދާނެ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު