ޚަބަރު
ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިިއުނާފީ މައްސަލައިގެ އަޑުއެހުމެއް މާދަމާ މެންދުރު 13:00 އަަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

ހައިކޯޓުން ބުނީ ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން މާދަމާ މެންދުރަށް ތާވަލުކޮށްފައިވާ ކަމަށެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ އެ މުއާމަލާތުގެ ތެރެއިން، 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ.

ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށް ހިންގި ޝަރީއަތުގައި، އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ނޮވެމްބަރު 21، 2023 ގަ އެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއުގެ އިތުރުން، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ޔާމީން ޖަލަށްލާން ހުކުމް ކުރުމުން ފުރަތަމަ ހުކުމް ތަންފީޒު ކުރެއްވީ މާފުށީ ޖަލުގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. 

ހައިކޯޓުން މި މައްސަލައިގައި ހުކުމް ކުރުން ލަސްވުމުން އެމަނިކުފާނާއި ވަކީލުން ގެންދަވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު