ޚަބަރު
ކޮމިޝަނަރ އެދިވަޑައިގަތީ ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ބޮޑުކުރުމަށް
ދިވެހި ފުލުހުންގެ ތެރޭގައި އަންހެން ފުލުހުންގެ ދައުރު މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް އިތުރު ކުރަން ޖެހޭ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޯލިސިންގ ކޮމިޓީ"ގެ ދެވަނަ ދައުރު އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ލިބިފައިވާކަން ޔަގީން ކުރުމަކީ ވެސް މި ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށެވެ.

އެހެންވެ އެކަން ހަގީގަތަކަށް ހެދުމަށްޓަކައި ފުލުހުންގެ ދާއިރާ އުން ކުރެވެން ހުރ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ސީޕީ ވިދާޅުވި އެވެ.

"މާލެ އާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި އަންހެން އޮފިސަރުން، ވެރިންގެ ގޮތުގައި މަސައްކަތް ކުރޭ. ސީރިއަސް ބޮޑެތި މައްސަލަތައް ބަލާ ޑިޕާޓްމަންޓުތައް ލީޑުކުރުމުގައާއި ތަހުގީގުގައި އަމަލީ ގޮތުން ބައިވެރިވާ އަންހެން އޮފިސަރުން އެބަތިބި،" ސީޕީ ވިދާޅުވި އެވެ. "ފޮރެންސިކް އެނަލިސްޓުންގެ ގޮތުގައި އަދި ސީން އޮފް ކްރައިމްސް އޮފިސަރުންގެ ގޮތުގައި އަންހެން އޮފިސަރުން ހަރަކާތްތެރިވޭ. ޕޮލިސް އެނަލިސްޓުންގެ ގޮތުގައި އަންހެން އޮފިސަރުން ހަރަކާތްތެރިވޭ. އަންހެނުންނާއި ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރާ ގިނަ އޮފިސަރުންނަކީ ވެސް އަންހެން އޮފިސަރުން." 

ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ދިރާސާތައް ހަދަންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތުގެ އަންހެނުންގެ ދައުރު ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގައި ފުލުހުންގެ ލީޑަރޝިޕްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންކުރައްވާކަމަށްވެސް ކޮމިޝަަނަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު