ޚަބަރު
ނަޝީދަށް ދިން ހަމަލާއަށް އިންސާފު ނުލިބި އަހަރުތަކެއް ވުމަކީ ލަދުވެތި ކަމެއް: ޑިމޮކްރެޓްސް
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއަށް 3 އަހަރުވީއިރުވެސް އެމަނިކުފާނަށް އިންސާފު ލިބިފައިނުވާކަމަށް ބުނެ ދަ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ޙަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވާފަ އެވެ.

މޭ 6، 2021 ވަނަ ދުވަހުގެ ރޭ އަމިއްލަފުޅު ގެކޮޅު ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ހަމަލަ އަށް މިއަދު ތިން އަހަރު ފުރުމާ ގުޅިގެން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުނީ، މިއަދާ ހަމައަށް ވެސް ނަޝީދަށް އިންސާފު ލިބިފައިނުވާތީ ކަންބޮޑުވާ ކަމަށެވެ.

އެ ޕާޓީން ބުނީ، މި ހަމަލާގައި ތުހުމަތު ކުރެވުނު މީހުންގެ ތެރެއިން ކުށަށް އިއުތިރާފުވީ މީހުންގެ އިތުރުން އިތުރު މީހުންގެ ޝަރީއަތްތައް ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ދޫވެ، އަދި ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށް ވެސް ނުހޯދި، އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމަށް ޑިމޮކްރެޓްސް އިން ބުނެފައިވެ އެވެ

މި ޙަމަލާއާ ގުޅޭގޮތުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންވެސް ވަނީ މަޖިލީހުގައި ކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅޭ އިތުރު މަޢުލޫމާތު ދިފާޢީ ވުޒާރާގައި އެބަހުރި ކަމަށެވެ. އަދި ޤާނޫނުގެ ދަށުން ދިވެހި ސިފައިން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ހުރިހާ ފަރާތްތަކަށްވެސް ރައްކާތެރިކަން ދިނުމުގެ ވާޖިބު ފުރިހަމައަށް އަދާ ކުރާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފަ އެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ކެންޕެއިނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ރައީސް ނަޝީދަށް ދިން ޙަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދޭނީ އެމަނިކުފާނުގެ ސަރުކާރެއްގައިކަމަށް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު