މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި
އައިމިނަތު ޝިޔާޒާ
09 އޯގަސްޓް 2025 - 21:46
0 comments
އުމްރާއަށް ސައުދީއަށް ފުރުމަށް ބަޔަކު މޯލްޑިވިއަންގެ ބޯޓަކަށް އަރަނީ
ބައެއް އުމްރާވެރިން އެނބުރި މާލެ އައުމަށް މިއަދު ހަމަޖެހިފައި އޮތް މޯލްޑިވިއަން އެއާލައިންގެ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ދެންމެ ފުރައިފި އެވެ.
މޯލްޑިވިއަނުން ބުނީ މިއަދު ސައުދީ އަރަބިއްޔާއިން މާލެ އަންނަން އޮތް، އެ އެއާލައިނުގެ ފްލައިޓަކަށް މައްސަލައެއް ދިމާވެ ޑިލޭ ވެފައިވާ ކަމަށެވެ. އެކަމަކު ދިމާވީ ކޮން މައްސަލައެއް ކަމެއް އަދި އެތަނަކުން ނުބުނެ އެވެ. މޯލްޑިވިއަންގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތަކަށް ބޭނުން ކުރާ ބޯޓުތަކަށް މަދުމަދުން ޓެކްނިކަލް މައްސަލަތައް ދިމާވެ، ފުރުން ލަސްވުމުގެ ކަންކަން މީގެ ކުރިން ހިނގައިފައިވެއެވެ. ހައްޖު ކޯޕަރޭޝަންގެ ސީއީއޯ މުހައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބޯޓަށް ނުފުރި ލަސްވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެ މައްސަލަ ހައްލުކޮށް ސައުދީ ގަޑިން މިއަދު ހަވީރު 6:00 ގައި އެ ފްލައިޓް މާލެ އައުމަށް ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.ޝަކީލް ވިދާޅުވީ އެ ފްލައިޓުން ދަތުރުކުރާ ހުރިހާ އުމްރާވެރިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.ޑިލޭވީ، ސައުދީ ގަޑިން މިއަދު މެންދުރު ފަހު 3:45 ގައި ފުރާ ގޮތަށް ހަމަޖައްސާފައި އޮތް ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓް ކިއު2 6361 އެވެ. އެއީ މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު، އޭ330-200 އެވެ.
ކިޔުންތެރިންގެ ޝުއޫރު