ޚަބަރު
ގާޒީ އަލީ ރަޝީދުގެ ނަން ރައީސް ފޮނުއްވުމުން އިދިކޮޅުގެ ފާޑު ކިޔުން!
ގާޒީ އަލީ ބެއްލެވި މައްސަލައިގައި ވަނީ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން ރައީސް ސޯލިހް ފޮނުއްވުމުން އިދިކޮޅުގެ ފާޑު ކިޔުން އަމާޒު ވެއްޖެ އެވެ.

ކްރިމިނަލް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި އަލީ ރަޝީދު ހުސައިންއާއި ޑރ. މުހައްމަދު އިބްރާހިމް، ސުޕްރީމް ކޯޓަށް އައްޔަނު ކުރުމާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އެދިވަޑައިގެންފަ އެވެ.
މިކަމާއި ގުޅިގެން  ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުފޫޒު ފޯރުވި މިންވަރު މިހާރު ޔަގީންވެފައިވާ ކަމަށެވެ. 

ގާޒީ އަލީ ރަޝީދުގެ ނަން ޖޭއެސްސީ އަށް ފޮނުއްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަދައްކަވަމުންނެވެ. އެގޮތުން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ގޮނޑި އެއް ގާޒީ އަލީ ރަޝީދަށް ދިނުމަށް ނިންމެވީ ޔާމީނަށް ނުޙައްގު ޙުކުމެއް ކުރުމުގެ އިނާމެއްގެ ގޮތުން ކަމަށެވެ.

"ރައީސް ޔާމީނަށް ނުޙައްގު ޙުކުމެއް ކުރުމުގެ އިނާމަކަށް، ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ޙުކުމް ކުރި ފަނޑިޔާރު ޢަލީ ރަޝީދަށް ދިނުމަށް ރައީސް ޞާލިޙު ނިންމެވުމުން ޔަގީން ވެގެން މި ދިޔައީ ރައީސް ޔާމީނުގެ ޙުކުމަށް ރައީސް ޞާލިޙު ނުފޫޒު ފޯރުވި މިންވަރު" އަދުރޭ ވިދާޅުވިއެވެ.

މި މައްސަލައިގައި ކުރީގެ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވަނީ ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ލަފާ ހޯދުމަށް ފޮނުވުމަކީ އިޖުރާއަތުގެ ގާނޫނުގެ 152ވަނަ މާއްދާއާ ހިލާފަށް ވަކި މައްސަލައެއް ނަގައިގެން އަވަހަށް ނިންމާލުމުން ލިބުނު ހަދިޔާއެއްތޯ ސުވާލު ކުރައްވާފައެވެ. 

މީގެއިތުރުން އިސްތިއުނާފީ ކޯޓެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ނެތް ބޭފުޅުންނާއި ޕާޓީގެ އެކްޓިވިސްޓުން ދައުލަތުގެ އެންމެ މަތީ ކޯޓަށް އައްޔަން ކޮށްގެން ޖުޑިޝަރީ އިސްލާހުވޭތޯ ހައިލަމް ވަނީ ސުވާލު ކުރައްވާފައެވެ.

ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބެއްލެވުމާ ގާޒީ އަލީ ރަޝީދު ހަވާލުވެ ވަޑައިގެންނެވީ، އެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމާ ގުޅިގެންނެވެ.

ރައީސްގެ ނިންމެވުމަށް އިދިކޮޅުގެ އެހެން ބޭފުޅުންވެސް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާގައި އޮތް އެއްޗެއް އަދި ޝަރީއަތުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ދެއްކެވި ވާހަކަފުޅުތަކަށްވެސް ރިއާޔަތް ކުރުމެއްނެތި ފަނޑިޔާރު އަލީ ރަޝީދު ހުކުމް ކުރެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ކަމަށެވެ. އެއީ ދެ ފަރާތުން އެއްވަސްވެގެން ހެދި ޑީލެއް ކަމަށްވެސް ޝިޔާމް ތުހުމަތު ކުރެއްވިއެވެ. 

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސީ ބައިވެރިން ގަބޫލުކުރައްވާ ގޮތުގައި އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމަކީ ގާނޫނީ ބުރަ ދަނެއްނެތް ބާތިލް ހުކުމެކެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފައެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު