ޚަބަރު
އިނގިލީގެ ނިޝާން ނުޖަހަން ކަނޑައަޅަން ސުޕްރީމް ކޯޓަށް ދާތީ ޕީޕީއެމްގެ ކަންބޮޑުވުން
ރީ ރަޖިސްޓްރޭޝަން ފޯމުގައި އިނގިލީގެ ނިޝާން ނުޖަހަން ކަނޑައަޅަން އީސީން ސުޕްރީމް ކޯޓަށް މައްސަލަ އެއް ހުށައަޅަން ނިންމި ނިންމުމަކީ އެކަމުގެ ތެރޭގައި ޖާއިޒު ނޫން މަންފާތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ބެލެވޭ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގެ އިދިކޮޅުގެ ކެމްޕޭން މެނޭޖަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޚަލީލް ވިދާޅުވީ މީގެ ކުރިން ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް ރީ ރަޖިސްޓްރޭޝަން ފޯމްގައި އިނގިލީގެ ނިޝާން ޖެހި ކަމަށާއި ނަމަވެސް މިފަހަރު އެކަން ކުރަން ނުޖެހޭ ގޮތަށް ހަދަން އުޅެނީ ވަކި ބަޔަަކަށް މަންފާތަކެއް ހޯދައި ދިނުމުގެ ނިޔަތުގައި ކަމަށެވެ.

" އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މިކަމުގައިވެސް ކޮންމެވެސް ކަހަލަ ޖާއިޒް ނޫންނޫން ފައިދާތަކެއް މަންފާތަކެއް ވެރިކަން ކުރާ ޕާޓީއަށް ހޯދައިދިނުމުގެ މަގްސަދުގައި ކުރަމުންދާ ކަމެއް ކަަމަށް އިލެކްޝަންސް ކޮމިޝަނުން މިކަމަކީ" ޚަލީލް ވިދާޅުވި އެވެ.

އިންތިހާބާ ގުޅޭ ގޮތުން އިދިކޮޅުގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ހަލީލް އިތުރަށް ވިދާޅުވީ، ބޭރުގެ ބައެއް ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމި ނިންމުމަކީވެސް އަޑި ނޭނގޭ ކަންތައްތަކެއް އޭގައި އެކުލެވިގެންވާ ކަމެއް ކަމަށް ހަލީލް ތުހުމަތު ކުރެއްވި އެވެ. މި ފަހަރުގެ އިންތިހާބުގައި މެލޭޝިޔާގެ ކުއަލަލަމްޕޫރްގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯޓުފޮށި ނުބެހެއްޓޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ އީސީއަށް އަންގާފަ އެވެ. 

ކައުންސިލް އިންތިހާބް ފަސްކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ޕީޕީއެމްއިން މީގެ ކުރިން އެތައް ފަހަރަކު ތުހުމަތުކޮށްފައި ވެއެވެ. ޚަލީލް މިއަދު ވިދާޅުވީ އިންތިހާބް ފަސްކުރަން އުޅެނީ އިންތިހާބް ކާމިޔާބު ނުވާނެކަން އެނގޭތީ ކަމަށެވެ. އަދި އިންތިހާބަށް ބޭނުންވާ ބަޖެޓު އީސީއަށް ނުލިބޭތީ އިންތިހާބު ކުރިންވެސް ތާވަލްކޮށްފައިވާ ތާރީހަށް ބޭއްވިދާނެކަަމާމެދު އޭނާ ސުވާލު އުފެެއްދެވި އެވެ.

"ސަރުކާރުން ވަރަށް ސާފުކޮށް ހާއްސަކޮށް އެމްޑީޕީން ވިދާޅުވެލައްވަން އެބަޖެހޭ ވަރަށް ސާފުކޮށް ދިވެހި ރައްޔިތުންނަށް ސަރުކާރުން މިއުޅެނީ އިންތިހާބް ބާއްވަންތޯ ނޫނިއްޔާ ބޮޑު ހިލުންގަނޑެއް ހިލަންތޯ؟" ޚަލީލް ވިދާޅުވި އެވެ،

ހަލީލް ވިދާޅުވީ، އިންތިހާބު ކާމިޔާބުކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އިދިކޮޅުން ކުރާނެ ކަމަށެވެ. ޕީޕީއެމް/ޕީއެންސީން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ރީ ލޯންޗިންގ މިރޭ ނުވައެއް ޖަހާއިރު ބާއްވަން ވަނީ ހަމަޖެހިފަ އެވެ. 

ޕީޕީއެމްއާއި ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕޭން ރީލޯންޗު ކުރުމުގެ އިވެންޓް މިރޭ ނުވައެއް ޖަހާއިރު ބާއްވާއިރު މި އިވެންޓް ކުރިއަށް ދާން ރާވާފައި އޮތީ ވީޑިއޯ ކޮންފެރެންސިން މެދުވެރިކޮށެވެ. މި އިވެންޓްގައި ޕީޕީއެމްއާއި ޕީއެންސީގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ބައިވެރިވާނެއެވެ.

ރާއްޖޭގައި އޮތް ހަތަރު ސިޓީގެ މޭޔަރު ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓުން ވާހަކަ ވެސް ދައްކާނެއެވެ. އެއީ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުއާއި، އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މުހައްމަދު ލަތީފްއާއި، ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ތޯރިގް އަހްމަދާއި، ހދ. ކުޅުދުއްފުށި ސިޓީއަށް ވާދަކުރައްވާ އަބްދުﷲ އިގްބާލްއެވެ.

އީސީން މަސައްކަތް ކުރަމުން އަންނަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު