
ކޮންމެ އަހަރެއްގެ ޖުލައި 23 ވަނަ ދުވަހު މި ދުވަސް ފާހަގަކުރަނީ، 2012 ޖުލައި 23 ވަނަ ދުވަހު ކ. ކާށިދޫގައި ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައެވެ. މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.ރަސްމިއްޔާތުގެ ތެރެއިން، އިސްކަންދަރު ކޮށީގެ ބޭރުގައި ގާއިމްކޮށްފައިވާ މެމޯރިއަލް ވޯލްގައި ގާޑް މައުންޓްކުރުމަށްފަހު، ވާޖިބު އަދާކުރުމުގެ ތެރޭގައި ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސް، ހާއްސަ ދުޢާއެއް ކޮށްފައިވެއެވެ.ޕޮލިސް މެމޯރިއަލް ވޯލްގައި ޝަހީދުންގެ ގޮތުގައި 5 ފުލުހެއްގެ ނަން ވަނީ ލިޔެވިފައެވެ. އެއީ ޝަހީދު ސާޖަންޓް ޢަލީ ނާޒިމް، ޝަހީދު ސާޖަންޓް އާދަމް ޙަލީމް، ޝަހީދު ސާޖަންޓް މިސްބާހު އަބްދުﷲ، ޝަހީދު ސާޖަންޓް އަހުމަދު ވިފާގު، އަދި ޝަހީދު ކޮންސްޓަބަލް ޔޫސުފް ޒަމީރެވެ.މި އަހަރުގެ ރަސްމިއްޔާތުގައި އެންމެ ފަހުން ނިޔާވި ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު އާސިފްގެ ހަނދާންވެސް ވަނީ އާކޮށްފަ އެވެ. އަހުމަދު އާސިފް ނިޔާވީ މިދިޔަ މަހު 11 ވަނަ ދުވަހު ފުލުހުންގެ އޮޕަރޭޝަނެއްގައި "ޕޮލިސް ލޯންޗު 57" ގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. މިއީ އަހްމަދު އާސިފްގެ ހަނދާން މި ދުވަހުގެ ތެރެއިން އާކުރެވުނު ފުރަތަމަ ފަހަރެވެ.