ވިޔަފާރި
ބީއެމްއެލްއިން ނިވަ ކުރުނބާ މޯލްޑިވްސްގެ މުރަކަ އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ
ރާއްޖޭގެ ނާޒުކު ކަނޑުފަޅުގެ މާހައުލު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރުނބާ ރިސޯޓުން ހިންގާ މުރަކަ އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ އެވެ.

މި ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސްވެރިންނާއި، މުވައްޒަފުން އަދި ނިވަ ކުރުނބާ މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ބައިވެރިވެ، އެ ރިސޯޓުގެ ފަރުތައް އާލާކުރުމަށް ވަނީ މުރަކަ އިންދުމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ނިވަ ކުރުނބާ މޯލްޑިވްސް އިން ދަނީ ކަނޑުތައް ހިމާޔަތްކުރުމާއި ފަރުތައް އާލާކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އާއްމު ރައްޔިތުން ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދެމުންނެވެ.

ބީއެމްއެލްއިން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުރަކަ އިންދުމާއި ފަރުތައް އާލާކުރުމުގެ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އޭގެ ތެރޭގައި ގދ. ވާދޫގައި "ވާދޫ އެސޯސިއޭޝަން ފޮ ފިއުޗާ ޑިވެލޮޕްމަންޓް" އިން ހިންގި މަޝްރޫއުގެ އިތުރުން ބ. ދަރަވަންދޫގައި ކުރިއަށްގެންދިޔަ "މުރަކަ ފާމް އިނިޝިއޭޓިވް" ހިމެނެ އެވެ.

ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ހަރަކާތަކީ ތިމާވެށީގެ ދެމެހެއްޓެނިވިކަމަށާއި، ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ނާޒުކު ފަރުތައް ރައްކާތެރިކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދޭ ހާއްސަ އިސްކަން ރަމްޒުކޮށްދޭ މުހިންމު ހަރަކާތެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު