ޚަބަރު
ރިސޯޓު ކުލިން ނުލިބި 97 މިލިއަން ޑޮލަރު އެބަހުރި: މިނިސްޓަރު އަމީން
ފަތުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ބިމު ކުލިން 97 މިލިއަނެއްހާ ޑޮލަރު ދައުލަތަށް ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާުޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރިސޯޓުތަކުން ކުލި ނުދައްކާ ވާހަކަ ދައްކާއިރު، އެ ދާއިރާގެ ގިނަ ފަރާތްތަކަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ޓެކްސް އާއި ކުލި ދައުލަތަށް ދައްކާ ބައެއް ކަމަށެވެ.

ނަމަވެސް މަދު ބަޔަކާ ހުރެ، ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި ހުރުމަކީ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވި އެވެ. ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި މިހާރު ވެސް ހިންގަމުން އަންނަ ތަންތަނާއި އެކި ސަބަބުތަކާ ހުރެ މިނިސްޓްރީގެ ހުއްދަ ނެތި ބަންދުކޮށްފައިވާ ތަންތަން ހިމެނޭ ކަމަށް އަމީން ވިދާޅުވި އެވެ.

"ވަރަށް ރަނގަޅު ކުރިއެރުންތަކެއް ވެސް ލިބިއްޖެ. އަޅުގަނޑުމެން އެ މީހުންނާ ދޭތެރޭ އަޅާ ފިޔަވަޅުތައް އެ އުސޫލުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ނިޒާމެއް ގާއިމްކޮށް، އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން މި ރިކަވާ ކުރުމުގެ ކަންތައްތަކެއް އެބަދޭ،" އޭނާ ވިދާޅުވި އެވެ. "ގާތް ގަނޑަކަށް [ދައުލަތަށް ލިބެން ޖެހޭ] 97 މިލިއަން ޑޮލަރު އެބަހުރި ރިކޯޑް ކުރެވިފައި މީރާގެ ހިސާބުތައް ދައްކާ ގޮތުން،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި 2013 ވަނަ އަހަރުން ފެށިގެން އެއްވެސް ވަރަކަށް ކުލި ނުދައްކާ ކުންފުނިތައް ވެސް ހިމެނެ އެވެ. ދައުލަތަށް ނުލިބި ހުރި އެ ފައިސާ ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ފެށިއިރު އެކަމުގައި ކުންފުނިތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން ފެށި މަސައްކަތުގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ. 

މި ފައިސާތައް ހޯދުމަށް އެ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރިއަށް ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވާހަކަ ދައްކައިގެން ހައްލު ނުވެއްޖެނަމަ، ދީފައި ހުރި ޓައިމްލައިންތަކާ އެއްގޮތަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު