ޚަބަރު
ހޯރަފުށީ ޓޫރިޒަމް ޒޯނުން ބިން ދޫކުރަން ނިންމިއިރު ކުރިން ދޫކުރި ބިން ހުރި ސަރަހައްދު ދަނީ ގިރަމުން!
ހޯރަފުށީ ޓޫރިޒަމް ޒޯނުން ހިމެނޭ ސަރަހައްދު - ފައިލް ފޮޓޯ: އަރާއިކް
ހޯރަފުށީ ޓޫރިޒަމް ޒޯނުން އަނެއްކާވެސް ބިން ދޫކުރަން ނިންމިއިރު، ކުރިން ދޫކުރި ބިން ހުރި ސަރަހައްދު ގިރަމުން އަންނަކަން ފާހަގަ ވެއްޖެ އެވެ.

ހޯރަފުށީ ކައުންސިލްގެ އިދާރާ އިން އިއްޔެ ގެޒެޓުގައި ޝާއިއުކުރި ބީލަމެއްގައި ބުނީ ހއ. ހޯރަފުށީ ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ގެސްޓް ހައުސް ކުއްޔަށް ދިނުމާއި، ތަރައްގީކުރުމާއި، އަދި ހިންގުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ތެރެއިން، ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން 6 ބިން ކައުންސިލުން ވަނީ ކަނޑައަޅާފަ އެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 6 ގެސްޓްހައުސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އިތުރު ހަ ގެސްޓް ހައުސް އެޅުމަށް ބިން ދޫކުރަން ނިންމި އިރު "ހޯރަފުށީ ޓޫރިޒަމް ޒޯނުން"  ކުރިން ބިން ދޫކުރި 5000 ހާސް ސްކެއާރ ފޫޓްގެ ސަރަހައްދު މިހާރު ވެސް އަންނަނީ ގިރަމުން ނެވެ. 

މިކަމާއި ގުޅިގެން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު އަސްފާމް "ހޯރަ" އަށް މިއަދު ވިދާޅުވީ ހޯރަފުށީ ޓޫރިޒަމް ޒޯނުން މިހާރު ގިރަމުން އަންނަ ސަރަހައްދު ހިމާޔަތް ކުރުމަށް ސަރުކާރުގައި އެދިފައި ވާނެ ކަމަށެވެ. އަދި އެ މަސައްކަތައް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ކައުންސިލުން ދެމުން އަންނަ ކަމަށެވެ.

" ހޯރަފުށީ ޓޫރިޒަމް ޒޯނުން ބައެއް މިހާރު ވެސް ގިރަމުން އަންނާތީވެ މި ފަހަރު އިއުލާންކުރި ބިންތައް ދޫކުރަން ނިންމާފައިވަނީ ހޭޅިފަށުން 100 ފޫޓް އެއްގަމުން.. ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މިހާރު ވެސް ވާނީ ސަރުކާރުގައި އެދިފަ" އަސްފާމް ވިދާޅުވި އެވެ.

ހޯރަފުށީ ޓޫރިޒަމް ޒޯނު ގިރަމުން އަންނަ އިރު އެ ސަރަހައްދުގައި ދާއިމީ ކަރަންޓް ވިއުގައި އެއް ނެތުމުގެ ކަންބޮޑު ވުމަށް އަދިވެސް އޮތީ ހައްލެއް ނުލިބި އެވެ.  

މިހާރު ހޯރަފުށީ ޓޫރިޒަމް ޒޯނަށް ކަރަންޓް ދެނީ ވަގުތީ ކަރަންޓް ކޮޅެއް ބޭނުން ކޮށްގެން ނެވެ. އަދި ނަރުދަމާ އަށް ހިންދަނީ އަމިއްލަ ޖަންގްޝަނެއް ބޭނުން ކޮށްގެންނެވެ. އެކަމުގެ ސަބަބުން ޓޫރިސްޓުންގެ ރައްކާތެރިކަމާއި އެމީހުންގެ ސިއްހީ ރައްކާތެރިކަމުގެ ކަންބޮޑުވުން އެބައޮތެވެ. 

ހޯރަފުށީގެ ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކުންފުނީގެ މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ހޯރަފުށީގެ އަލަށް މީހުން އާބާދުވާ ގިނަ ސަރައްހައްދުތަކުގައި ވެސް ދާއިމީ ކަރަންޓް ދިނުމުގައި އޮތީ ހުރަސް އެޅިފަ އެވެ.  އަދި މިކަން ކަމަށް އަވަސް ހައްލަކަށް އެދި ހޯރަފުށީ ކައުންސިލުން ކުރިން ވެސް އެތައް ފަހަރަކު ފެނަކަ ކުންފުނީގެ އިސްވެރިންނާއި ވަނީ ބައްދަލުކޮށްފަ އެވެ. ނަަމަވެސް އަދި ވެސް އެކަށީގެންވާ ހައްލެއް މި މައްސަލައަށް ހޯދިފަ އެއް ނުވެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު