އިންވެސްޓް ކުރާނީ ކިހިނެތް؟ ހޯރަފުށީ ޓޫރިޒަމް ޒޯންގައި ދާއިމީ ކަރަންޓެއް ފެނެއް ނެތް.!
ހޯރަފުށީ ޓޫރިޒަމް ޒޯންގައި ހުޅުވި ގެސްޓް ހައުސް: މި ތަނުގައި ވެސް ބޭނުން ކުރަނީ ވަގުތީ ކަރަންޓެއް
އުތުރުގައި ޓޫރިޒަމް ސިނާއަތް ފުޅާވެގެންދާއިރު، ހއ.ހޯރަފުށި ޓޫރިޒަމްގެ ހަބަކަށް ވުމަށް އެ ރަށުގައި ޓޫރިޒަމަށް ހާއްސަކޮށްފައިވާ "ޓުއަރިޒަމް ޒޯން" ގައި ދާއިމީ ކަރަންޓާއި ފެނާ ނަރުދަމާ ގެ ހިދުމަތް ލިބިފައި ނެތް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޯރަފުށީގައި ޓުއަރިޒަމް ޒޯން އަށް ހާއްސަކޮށްފައިވާ ސަރަހައްދުން ދާއިމީ ކަރަންޓާއި ފެނާ ނަރުދަމާގެ ހިދުމަތުން މަހުރޫމްވެފަ ތިބޭތާ އެއް އަހަރުވީ ކަމަށެވެ.
"ސަރުކާރު، ފެނަކަ، ދާއިރާގެ އެމްޕީގެ ސަމާލުކަމަށް ގެނެވިއްޖެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއްޖެ. ހައްލެއްނުވި، ހައްލުކުރުމަށް މަސައްކަތް ކުރާ މަންޒަރެއްވެސް ނުފެނޭ" ވަހީދު ލިޔުއްވައިފާ ވެއެވެ.ގެސްޓްހައުސް ތަރައްގީކުރަން ކައުންސިލުން ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ހޯރަފުށީ ކައުންސިލުން މައުލޫމާތުދެ އެވެ. ނަމަވެސް ޓޫރިޒަމް ޒޯންގައި ދާއިމީ ކަރަންޓާއި ފެން ލިބެން ނެތުމުގެ ސަބަބުން އެ އިންވެސްޓަރުންނަށް ވަރަށް ބޮޑެތި ގޮންޖެހުން ކުރިމަތިވަމުން އަންނަ ކަމަށެވެ.މިހާރު ހޯރަފުށީ ޓޫރިޒަމް ޒޯނަށް ކަރަންޓް ދެނީ ވަގުތީ ކަރަންޓް ކޮޅެއް ބޭނުން ކޮށްގެން ނެވެ. އަދި ނަރުދަމާ އަށް ހިންދަނީ އަމިއްލަ ޖަންގްޝަނެއް ބޭނުން ކޮށްގެންނެވެ. އެކަމުގެ ސަބަބުން ޓޫރިސްޓުންގެ ރައްކާތެރިކަމާއި އެމީހުންގެ ސިއްހީ ރައްކާތެރިކަމުގެ ކަންބޮޑުވުން އެބައޮތެވެ. ހޯރަފުށީގެ ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކުންފުނީގެ މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ހޯރަފުށީގެ އަލަށް މީހުން އާބާދުވާ ގިނަ ސަރައްހައްދުތަކުގައި ވެސް ދާއިމީ ކަރަންޓް ދިނުމުގައި އޮތީ ހުރަސް އެޅިފަ އެވެ. އަދި މިކަން ކަމަށް އަވަސް ހައްލަކަށް އެދި ކައުންސިލުން އެތައް ފަހަރަކު ފެނަކަ ކުންފުނީގެ އިސްވެރިންނާއި ވަނީ ބައްދަލުކޮށްފަ އެވެ. ނަަމަވެސް އަދި ވެސް އެކަށީގެންވާ ހައްލެއް މި މައްސަލައަށް ހޯދިފަ އެއް ނުވެ އެވެ.
ހޯރަފުށިން ގެސްޓުހައުސް ތަރައްގީކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެކި ސައިޒުގެ ބިންތަކެވެ. މިގޮތަށް ބިންތައް ދޫކުރުމަށް ހަމަޖެއްސީވެސް ގެސްޓުހައުސް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހަކުރުމަށް ކަމަށްވެސް އެރަށު ކައުންސިލުން މީގެކުރިންވަނީ ބުނެފަ އެވެ.
ހޯރަފުށީގައި މިހާރު ވަނީ ޒަމާނީ ފެންވަރުގެ ދެތިން ހަތަރު ގެސްޓުހައުސްއެއް ހުޅުވާފަ އެވެ. އަދި އެރަށުގެ އެއާޕޯޓު މިދިޔަ ސަރުކާރުން ހުޅުވާފައިވާއިރު، ލޯކަލް ޓޫރިޒަމް އެރަށުގައި ތަރައްގީކުރުމަށް ގިނަ ފުރުސަތުތަކެއް ހުރިކަން އެރަށު ކައުންސިލުން ފާހަގަކުރެ އެވެ. ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހުން ހޯރަފުށީގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ހާއްސަކޮށް "ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ބަންދުވެފައި..! އޮތުމުން ނެވެ. އަދި އެއް ވާހަކަ އެވެ.މުޅި ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ މިއަދުގެ ގޮވާލުމަކީ ސިޔާސީ ބޮޑުންގެ ގޭ ދޮށުގައި މުގޯލި އަޅަން ނުޖެހި "ވަޒީފާގެ ފުރުސަތު" ރަށުން ތަނަވަސް ކޮށްދިނުމެވެ.