ޚަބަރު
ހިޔާވަހި ސްކީމުގެ ދަށުން 891 މީހަކަށް ލޯނު ހަމަޖައްސަދީފި
ހިޔާވެހި ސްކީމްގެ ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު އެއްބަސްވުމުގައި ސޮއިކުރުން
ގެދޮރު ބިނާކުރުމަށް ދޫކުރާ "ހިޔާވެހި" ފައިނޭންސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 891 މީހަކަށް ލޯނު ހަމަޖައްސަދީ، 244 މީހުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް ބިނާރާއި އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ "ހިޔާވެހި" ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތްކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށްވާ ފަސް ޕަސެންޓުގެ ރޭޓުގައި ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެއް ކަމަށް ބީއެމްއެލުން ބުންޏެވެ.

ސްކީމްގެ ތަފުސީލް

• ފައިނޭންސިން އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭ (18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން)

• އިކުއިޓީގެ ގޮތުގައި ހަމަޖައްސަން ޖެހޭ 20 ޕަސެންޓް ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށް ވެސް ހަމަޖެއްސޭނެ

• އިމާރާތް ކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބޭނުމެއް ނުވޭ

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، "ހިޔާވެހި" ސްކީމުގެ ފުރަތަމަ ބުރުގައި 891 މީހުންނަށް މި ޕްރޮގްރާމުގެ ތެރެއިން މާލީ އެހީ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެތެރެއިން 244 މީހުންނަށް ފައިސާ ހަމަޖައްސާ ލޯނު ދޫކޮށްފައިވާއިރު، ދެން ޝަރުތު ހަމަވާ 629 މީހުންނަށްވެސް ފައިސާ ދޫކުރުމަށް ފުރިހަމަކުރަންޖެހޭ ފަހުގެ މަރުޙަލާ ކުރިއަށްދާކަމަށް ނާޒިމް ވިދާޅުވިއެވެ.

"ޕްރޮގްރާމަށް ހޮވި، ފައިސާ މިހާތަނަށް ދޫނުކޮށް މިވާ 629 މީހުންނަށްވެސް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ފައިސާ ދޫކުރުމަށް ދަނީ މަސައްކަތް ކުރަމުން. އަމާޒަކީ، އަހަރު ނިމުމުގެ ކުރިން މުޅި ސްކީމަށް ހޮވުނު 891 މީހުންނަށް ފައިސާ ދޫކޮށް ނިންމުން." ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ

ގެދޮރު އަލަށް އިމާރާތް ކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި، ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުވުމަށް ދަށުން "ހިޔާވެހި ފައިނޭންސިން ސްކީމް" ތައާރަފުކުރީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އަދި މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު