ޚަބަރު
ހުއްދަ ނެތި ޑޮލަރުގެ ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް
ރާއްޖޭގައި ގަވައިދާހިލާފަށް ބޭރުފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ފުލުހުން ގާއިމްކުރި ހޮޓްލައިން މެދުވެރިކޮށް 27 މީހަކާއި 16 އޮންލައިން ޕޯޓަލް އަދި ހަތަރު ތަނެއްގެ މައުލޫމާތު މިހާތަނަށް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ހައްޔަރުކޮށް އެހެން މައްސަލަތައް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހޮޓްލައިނަށް މިހާތަނަށް ލިބިފައިވާ މެސެޖުތަކުގެ ތެރޭގައި ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މެސެޖު ހިމެނޭ ކަމަށެވެ.

މީގެ ތެރޭގައި ބިދޭސީ 27 މީހެއްގެ މައުލޫމާތާއި ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 18 ތަނަކާއި ބޮޑު އަގުގައި ބޭރުފައިސާ ގަނެ ވިއްކާ ހަތަރު ތަނެެއްގެ މައުލޫމާތުގެ އިތުރުން އޮންލައިންކޮށް ހިންގާ 16 ޕްލެޓްފޯމެއްގެ މައުލޫމާތު ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ މި މައުލޫމާތުތަކާ ގުޅިގެން މިހާތަނަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ރިޕޯޓްކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މިފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކުން ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖު ކުރުމަށް ފުލުހުން މީގެ ކުރިން އެދިފައިވެ އެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ކަމަށް ބުނެ، ގާނޫނުތަކަށް ބަދަލު ގެނެސް ތަންފީޒު ކުރަންވަނީ ފަށައިފަ އެވެ. އެމްއެމްއޭން މީގެ ކުރިން ވަނީ މަނީ އެކްސްޗޭންޖު ވިޔަފާރިއާ ބެހޭ ގަވައިދާ ހިލާފުވި ކުންފުންޏެއްގެ ލައިސަންސް ވެސް ބާތިލްކޮށްފަ އެވެ.

ކަޅުބާޒާރުގައި ޑޮލަރު ގަނެވިއްކުމުގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހަ ބިދޭސީއަކު އަތުލައިގަނެ، އެ މީހުންނާ ގުޅުން ހުރި އެކައުންޓުތަކުން 1.6 މިލިއަން ޑޮލަރާއި 54 މިލިއަނެއްހާ ރުފިޔާ ތިން އަހަރު ތެރޭ ދައުރު ކުރި ކަމަށް ފުލުން ވަނީ މި މަހުގެ 1ގައި ބުނެފަ އެވެ.

ގާނޫނު ބުނާ ގޮތުން، ބޭރު ފައިސާގެ ވިޔަފާރި ކުރެވޭނީ އެކަމަށް އެމްއެމްއޭން ދޫކުރާ ލައިސެންސް ހޯދުމަށް ފަހު އެވެ. އަދި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ބޭރު ފައިސާގެ ވިޔަފާރި ކުރުމަކީ ކުށެކެވެ. އެ ކުށުގެ އަދަބުގެ ގޮތުގައި 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް މި މަހުގެ 1 އިން ފެށިގެން ވަނީ އަމަލު ކުރަން ފަށައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު