ޚަބަރު
ރިސޯޓް މުވައްޒަފުންގެ 99 ޕަސެންޓް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި: މިނިސްޓަރު
ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 99 ޕަސެންޓަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިމިފައިވާ ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އިތުބާރު ބޮޑުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވީ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އައިއޭމް ވެކްސިނޭޓެޑް" ކެމްޕޭން އިފްތިތާހްކުރުމުގެ ގޮތުން މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ރިސޯޓު މުވައްޒަފުންގެ 99 ޕަސެންޓަށް ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ދެވިފައިވާ އިރު 8،000 މުވައްޒަފުން ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި 2020 ވަނަ އަހަރު ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުން ވެކްސިން ނެތި މަސައްކަތްކުރީ ބުރަކޮށް ކަމަށާއި، އަނބިދަރިން ގާތަށް ރަށަށް ދެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ މުވައްޒަފުންނަށް މިހާރު އަނބިދަރިން ކައިރިއަށް ދެވޭނެ އިންތިޒާމު ހަމަޖެހިއްޖެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވި ގޮތުގައި ކޮވިޑާ އެކު ރާއްޖެއިން ގާއިމް ކުރި ޓޫރިޒަމް ޕްރޮޓޮކޯލް ވަނީ ދުނިޔެ ބަލައިގެންފަ އެވެ. އަދި ރާއްޖޭގައި އޮތީ ރައްކާތެރި ޓޫރިޒަމެއްކަން ދުނިޔެ ބަލައިގެންފައިވާކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ހިތައްއެރީ 2021 ވަނަ އަހަރުވެސް އެހާއަވަހަކަށް ވެކްސިނެއް ނުލިބޭނެއޭ. އެހެންނަމަވެސް މާތްﷲ ގެ އިރާދަފުޅުން އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ވެކްސިން ލިބި ވެކްސިން ޖަހަން ފެށި މިއަދު އަޅުގަނޑުމެން މި ހަފްލާ ފާހަގަކުރާއިރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ވަރަށް ގިނަ މުވައްޒަފުންނަށް ވަނީ ފުރަތަމަ ޑޯޒް ވެކްސިން ޖެހިފައި. ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ %99 މުވައްޒަފުންނަށް މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފައި. އަދި 8000 މުވައްޒަފުންނަށް 2 ވަނަ ޑޯޒް މިހާރު ޖެހިއްޖެ." މައުސޫމް ވިދާޅުވިއެވެ.

ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރާ މުވައްޒަފުންނަށް މި ބެޖް ލިބޭނެއެވެ. އަދި 2 ވަނަ ޑޯޒް ވެކްސިން ޖެހުމަށްފަހު ރަށްރަށުގެ ހާލަތު ބެލުމަށްފަހު ރިސޯޓް މުވައްޒަފުންނަށް ރައްރަށަށް ދަތުރުކުރެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަދު އިފްތިތާހުކުރި އައި އެމް ވެކްސިނޭޓެޑް ބެޖާއެކު ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކާމިޔާބެއް ލިބެނީ މުޅި ރާއްޖެ އެކަމުގައި ބައިވެރިވެގެން ކަމަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާގައި ވާހަކަ ދައްކަވަމުން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވީ، މި ކެމްޕެއިނަކީ ވަރަށް މުހިންމު މަޤްސަދެއްގައި އެމްއެމްޕީއާރުސީން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ފަށާފައިވާ ކެމްޕެއިނެއްކަމަށެވެ. ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަށް ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުންކަމަށް ތޮއްޔިބު ވިދާޅުވިއެވެ. 

" ކޯވިޑް ދިފާއު ޤައުމީ ކެމްޕެއިނާއިއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހައި ފަރާތްތަކަށްވެސް ވަނީ ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައި. އައިއެމް ވެކްސިނޭޓެޑް ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހައި ފަރާތްތަކަކީ ކޯވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ ފަރާތެއްކަމަށް ހަދައި އެކަމަށް ހިތްވަރުދީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ދުނިޔޭގެ އެންމެ ފުރަތަމަ ފުލީ ވެކްސިނޭޓެޑް ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ވެވޭތޯ ބެލުން." ތޮއްޔިބު ވިދާޅުވިއެވެ.

މިދިޔަ ދުވަސްތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްތަކެއްކަމަށް ތޮއްޔިބު ވިދާޅުވިއެވެ. ނަމަވެސް ދުނިޔޭގެ ޓްރެވެލް ރާޑާއިން ރާއްޖެ ފޮހެވިގެން ނުދިޔުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ތޮއްޔިބު ފާހަގަކުރެއްވިއެވެ.

އައިއޭމް ވެކްސިނޭޓެޑް ކެމްޕެއިމް ޕްރޮމޯޓްކުރުމަށް ވެކްސިން ފުރިހަމަކުރުމުން ވިޒިޓް މޯލްޑިވްސް ވެބްސައިޓްގައި ޤާއިމްކޮށްފައިވާ މައިކްރޯސައިޓުން ފަތުރުވެރިކަމުގެ ދާއިރާގައި ވެކްސިން ފުރިހަމަކުރާ ރިސޯޓް، ގެސްޓްހައުސް އަދި ސަފާރީ ފަދަ ތަންތަނުގެ މައުލޫމާތާއި ފޮޓޯ ގެނެސްދޭނެކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު