ޚަބަރު
ދޮޅު އަހަރަށް ފަހު ގާސިމް މަޖިލީހަށް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާތާ ދޮޅު އަހަރު ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފި އެވެ.

ގާސިމް މަޖިލީހަށް ވަޑައިނުގެން ސަލާމުގައި އުޅުއްވާތާ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. އެކަން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މާލޭގައި ކޮވީޑް-19 ފެތުރެން ފެށުނީއްސުރެ ގާސިމް މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވެއެވެ. އޭނާ އެހާ ދުވަސް ވަންދެން ހުންނެވީ މާލެ އިން ބޭރުގައެވެ.

ގާސިމް އިބްރާހީމާ އެކު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގަތީ ޖުމްލަ 45 މެންބަރުންނެވެ. އެއް މެންބަރަކު ސަލާމްގައި ހުންނެވިއިރު އެއް މެންބަރަކު ހުންނެވީ ކަރަންޓީނުގަ އެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ސިއްހީ ފަރުވާ އަކަށް އިނގިރޭސިވިލާތުގަ އެވެ. ސިއްހީ ފަރުވާ އަށް އިތުރު ބޭފުޅަކު މިވަގުތު ސަލާމުގައި ހުންނެވި ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައެއް ނުވެ އެވެ.

މަޖިލީހުގެ މިދިޔަ އަހަރުގެ ގިނަ ޖަލްސާތަކާއި މިއަހަރުގެ ފުރަތަމަ ދެ ދައުރުގެ ޖަލްސާތަކުގައި ވެސް ގާސިމް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ގާސިމް މަޖިލީހަށް ޙާޒިރުވެވަޑައިނުގެންނެވުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގާސިމް މާލެ ވަޑައިނުގެން މަޖިލީހަށް ސަލާން ވިދާޅުވެފައި ސަން އައިލެންޑް ރިސޯޓުގައި އެއިރު ހުންނެވީ މާލޭގައި ކޮވިޑުގެ ހާލަތު އޮތްގޮތުން މިވަގުތަށް އެންމެ ރައްކާތެރިގޮތަކީ އެއީ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ގާސިމް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަންނަވާތީ މީގެކުރިން އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު