ވިޔަފާރި
ދިރާގާއި "އީސެޓް" ގުޅިގެން ސައިބާ ޕްރޮޓެކްޓްގެ ނަމުގައި އާ ހިދުމަތެއް
ދިރާގާއި "އީސެޓް" ގުޅިގެން ސައިބާ ޕްރޮޓެކްޓްގެ ނަމުގައި އައު ހިދުމަތެއް ތައާރަފުކޮށްފި އެވެ.

މި ޚިދުމަތަކީ ރާއްޖޭގެ ކުންފުނިތަކާއި އިދާރާތަކުގެ ސައިބަ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފޯރުކޮށްދޭ އެންޓަޕްރައިޒް-ގްރޭޑް އެންޑްޕޮއިންޓް ސެކިއުރިޓީ ސޮލިއުޝަނެކެވެ.

މި ޚިދުމަތުގެ އެހީގައި ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކުރާ ލެޕްޓޮޕާއި، ޑެސްކްޓޮޕް އަދި ސާވަތައް, މަލްވެއާ އާއި ރެންސަމްވެއާ ފަދަ ނުރައްކާތަކުން ރައްކާތެރިކޮށްދޭނެއެވެ.

މީގެ އިތުރުން، އީމެއިލް އަދި ކްލައުޑް އެޕްލިކޭޝަންތަކަށް އަމާޒުވާ ފިޝިން ހަމަލާތަކުން ރައްކާތެރިކަން ކަށަވަރުކޮށްދީ، ސިއްރު މައުލޫމާތުތައް ހިމާޔަތްކުރުމަށް މި ސޮލިއުޝަން އެހީތެރިވެދެއެވެ.

އީސެޓްގެ ޒަމާނީ ޓެކްނޮލޮޖީއާއި ދިރާގުގެ ފަންނީ މާހިރުންގެ ތަޖުރިބާ ގުޅިގެން ފޯރުކޮށްދޭ މި ޚިދުމަތަކީ ދިރާގުގެ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ ފުރިހަމަ އެހީތެރިކަމާއެކު ކުރިއަށްދާނެ ކަމެކެވެ.

މިގޮތުން، ކަމާބެހޭ މާހިރުންގެ ބެލުމުގެ ދަށުން 24 ގަޑިއިރު ސިސްޓަމްތައް މޮނިޓާކޮށް، ޝައްކުކުރެވޭ ކަންކަން ވަގުތުން ދެނެގަނެ، ސަލާމަތީ ފިޔަވަޅުތައް އަވަސްކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ އެވެ.

ދިރާގުން ބުނީ މި ހިދުމަތުން ރާއްޖޭގެ ވިޔަފާރިތަކުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ރައްކާތެރިކުރުމަށް ދިރާގުން ދޭ އަހައްމިއްޔަތުކަން ހާމަވާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ މި ޒަމާނުގައި، 'ސައިބާ ޕްރޮޓެކްޓް' އަކީ ކުންފުނިތަކަށް އިތުބާރާއެކު ކުރިއަށް ދިއުމަށް ލިބިގެންދާ ވަރުގަދަ ބިންގަލެއްގެ ގޮތުގައި އެ ކުންފުނިން ބުންޏެވެ. 

މި ހިދުމަތާއި ގުޅޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބޭނެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު