ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި, މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާރު ކުރަން ލަސްވެސް ވެއްޖެ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފެންނަ ނުފެންނަ ވޯޓަކަށް އަހަން ވަނީ ނިންމައިފަ އެވެ. އެހެންވެ، އެކަމަށް ތާއީދު ކުރައްވައި ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމާއި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުން، އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. މިހާރު އޮތް ގޮތުން ރައްޔިތުން ފަސް އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބު ކުރާ ބޭފުޅަކަށް ޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ ހަމަސްދުވަސް އެކަމުގައި ހޭދަކުރަން ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މީގެ އިތުރުން މަޖިލީހުގައި އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެ ސަރުކާރުގެ ފުރަތަމަ ބަޖެޓު ހާވިޔާކޮށް، ރައީސަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.އެހެންކަމުން ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި ވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތާ ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް އޭގެ ސަބަބުން ކުޑަވާނެ ކަމަށެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާސިމް އެކަމަށް ތާއީދުކުރިއިރު އިދިކޮޅު އެމްޑީޕީން ދަނީ އެކަމާ ދެކޮޅަށް ވަކާލާތުކުރަމުންނެވެ. ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލްކުރަން އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި އެ ގަރާރުގެ ދަށުން، ފެންނަ ނުފެންނަ ވޯޓު ނެގުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދިފައިވެ އެވެ.