ޚަބަރު
ލޫޓޫވައިފި މުޒާހަރާ: ޖޭޕީގެ ލީޑަރު ގާސިމް އެދުނީ ބައިވެރި ނުވާން!
މިހާރުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަން މިރޭ އިދިކޮޅު އެމްޑީޕީން "ލޫޓްވައި، ލޫޓްވައިފި" ގެ ނަމުގައި ބާއްވާ އެއްވުމަކީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށާއި އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން މީހުންނާ އެކު "ލޫޓޫވައިފި ލޫޓޫވައިފި" ނަމުގައި މިރޭ 8:30 ގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.

އެކަމާ ގުޅިގެން، ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއީ ބިނާކުރުވަނިވި މުޒާހަރާއެއް ނޫން ކަމަށާއި އެއީ ފަނާކުރުވަނިވި މުޒާހަރާއެއް ކަމަށެވެ. އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"މި ސަރުކާރަށް ކުރަން ޖެހިފައިވާ ކަމަކީ އިސްވެ ދިޔަ 3-4 ސަރުކާރުން ނަގާފައިވާ ބޮޑު ދަރަނިތައް ދެއްކުން. ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑު ބައި މި ދަނީ އެ ދަރަނިތައް ދެއްކުމަށް. މިކަން މި ދަރަނިތައް ނުދެއްކިއްޖެނަމަ މުޅި ގައުމު ބަގުރޫޓުވާނެ. ވީމާ، މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން އެގެންދަވަނީ. ބާކީ މުސާރަތައް ވެސް އެ ދެއްވަނީ އެގޮތް މިގޮތް ހަދައިގެން،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވަނީ ކުރީގެ ސަރުކާރުތަކުން ވެސް ކުންފުނިތަކުން ބޮޑެތި ހިޔާނަތް ވެފައި ހުރުމުން އެ ކުންފުނިތަކުން އެޅި ފިޔަވަޅުތަކާ މެދު ސުވާލު އުފައްދަވައިފަ އެވެ. ގާސިމް ވިދާޅުވީ އޭރު އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. އެއާ ހިލާފަށް، އެކަން ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުން އެ ތަންތަނުން ވަކި ކުރާ ތަން މިހާރު ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެ ބާވަތުގެ ހިޔާނަތް ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް އަދި ފާޅުކަން ބޮޑު ގޮތެއްގައި ނަސޭހަތްތެރިވެވަޑައިގެން، އިންޒާރުކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެކަންކަން ތަހުގީގުކުރަމުން ގެންދަވާ ކަމަށެވެ.

"ވީމާ، މި މުޒާހަރާއިން ނުކުންނާނެ ނަތީޖާއަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލުން އަދި ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާ އިނދަ ޖައްސާލުން ނޫންބާ،" ގާސިމް ވިދާޅުވި އެވެ.

ސަރުކާރު ދިފާއު ކުރައްވާ ސޯޝަލް މީޑިއާގައި ގާސިމް ދިގު ޕޯސްޓެއް ކުރެއްވި އިރު، ގާސިމްގެ ވިލާ ކުންފުނިން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގައި ބަދަލެއްގެ ގޮތުގައި 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ދޭން ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު