ޚަބަރު
ރައީސް ޔާމީންގެ މައްސަލަ ކުރިމިނަލް ކޯޓުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ނިންމަވައިފިއެވެ. 

އެގޮތުން މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ ޝަކީލް ވިދާޅުވީ، މި މައްސަލައިގައި މިވަގުތު ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް، މިމައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލަތަކެއްކަމަށް ނިންމަވާކަމަށެވެ.

ކްރިކް ރިޒާގެ ހުށަހެޅުއްވުންތައް ހުށަހަޅުއްވަން މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވާ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ. ސަން އިންވެސްޓްމަންޓްގެ ހުށަހެޅުއްވުންތަކަށް އެ ދުވަހު ހެނދުނު 10:00 ޖަހާއިރު އަދި ސަން ކޮންސްޓްރަކްޝަންސްގެ ހުށަހެޅުއްވުންތަކަށް 11:00 ޖަހާއިރު އަޑުއެހުމެއް ތާވަލު ކުރަން ނިންމާފައިވާ ކަން ގާޒީ ހާމަ ކުރެއްވިއެވެ. 

މި މައްސަލައިގައި މީގެ ކުރިން ޔާމީންގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅައިފަ އެވެ. އެމަނިކުފާނުގެ ފަރާތުން ވަނީ ދައުލަތުގެ ގިނަ ހެކިތަކެއް ބަލައިނުގަތުމަށް އެދުމުގެ އިތުރުން އެހެން ހުށަހެޅުންތަކެއް ވެސް ހުށަހަޅައިފަ އެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅާ ނިމިފައިވާއިރު ދެން އޮންނާނީ އެ ހުށަހެޅުންތަކާ ގުޅޭގޮތުން ގޮތެއް ނިންމުމެވެ.

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. 

ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވުމުންނެވެ. އެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާއިރު، މިހާރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގެ މަރުހަލާގަ އެވެ. ހުކުމް ދެމި އޮތަސް އެމަނިކުފާނު ގެއަށް ބަދަލުކޮށްފައި ވަނީ ޖަލުގައި ކޮވިޑް ފެތުރޭތީ ކަމަށް ބުނެ އެވެ.

މި މައްސަލަތަކުގެ އިތުރުން ވ. އާރަށް ދޫކުރި މުއާމަލާތުގެ ތެރެއިން ވެސް އެއް މިލިއަން ޑޮލަރު ނެންގެވި ކަމުގެ ތުހުމަތު ޔާމީނަށް ކުރެވެ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު