ޚަބަރު
ޑިމޮކްރަސީ ދުވަހާ ދިމާކޮށް އެމްއެންޕީ ރެޖިސްޓްރީ ކުރުމަށް ހުށަހަޅައިފި
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓާ ކުރަން ބޭނުންވާ 5،000 މެމްބަރުންގެ ފޯމާއެކު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރެޖިސްޓްރީ ކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް (އީސީ) މިއަދު އެ ޕާޓީން ހުށަހަހަޅައިފި އެވެ.

އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގެ މީހުން ހިމެނޭ ގޮތަށް މެންބަރުން ހަމަކޮށް، ދުނިޔޭގެ ޑިމޮކްރަސީ ދުވަހު އެމްއެންޕީ ރެޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމްއެންޕީން ބުނީ އެ ޕާޓީ އުފެއްދުމުގެ މަގްސަދަކީ ދިވެހީންގެ ތެރޭގައި ގައުމީ ފިކުރު އާލާކޮށް، ދިވެހިން އެދޭ ކަންކަން ފުރިހަމައަށް ހާސިލް ކުރުމަށްޓަކައި، ގާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިހްތިޔާރާއި ހައްގުތައް ބޭނުންކޮށް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ.

"އެމްއެންފީގެ އުންމީދަކީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވިހާ އަވަހަކަށް އެ ޖަލްސާ ބާއްވާ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުން. އަދި މިހިނގާ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ދިހަ ހާސް މެންބަރުން ހަމަކޮށް އެމްއެންފީއަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް ހެދުން،" އެމްއެންޕީގެ ބަޔާނުގައިވެއެވެ.

ޕާޓީގެ ބަޔާނުގައި ވަނީ މިވަގުތު 5،000 މެމްބަރުންގެ ސޮޔާއެކު ޕާޓީ ރެޖިސްޓްރީކުރި ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން ޕާޓީއަށް 10،000 މެމްބަރުން ހަމަކޮށް، ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް އެމްއެންޕީ ހެދުމަކީ އެ ޕާޓީގެ އުންމީދުކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން ކާނަލް ނާޒިމް ވިދާޅުވީ މިހާ އަވަހަށް 5،000 މެމްބަރުންގެ ސޮއި ހޯދުނުއިރު ވަރަށް އަވަހަށް 10،000 މެމްބަރުން ހަމަކޮށް ސިޔާސީ މައިދާނުގައި ވަރުގަދަ ޕާޓީއަކަށްވުމަށް އެމްއެންޕީން މިހާރު މަސައްކަތްކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު