
ރައީސް ވިދާޅުވީ ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު އަރުވައިފައިވާ، އަދި ދިވެހި ދައުލަތުގެ މަތީ މަގާމުތަކެއްގައި ހިދުމަތްތަކެއް ކުރެއްވި، ރަޝާދު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުކަމަށެވެ.ރައީސް ވިދާޅުވީ ރަޝާދަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި، ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސްގެ މަގާމާއި، އަތޮޅުވެރިކަމުގެ އިތުރުންވެސް އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި ތެދުވެރިކަމާއި ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއްކަމަށެވެ. އަދި އެއީ ހިކްމަތްތެރި ހިންގުންތެރި ޝަހްސިއްޔަތެއްކަމަށާއި ގައުމަށް ގެއްލިގެން ދިޔައީ ބޭނުންތެރި އަގުހުރި ތަޖްރިބާކާރެއްކަމަށެވެ.މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ހިދުމަތްތައް ފަސޭހަކުރުމުގައި ރަޝާދު ކުރެއްވި މަސައްކަތްޕުޅުތައް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.އަދި، ދައުލަތަށް ހިދުމަތްކުރެއްވުމުގައި އުސޫލުތަކާއި ހަމަތަައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު އެމަނިކުފާނު ހޯއްދަވައިފައިވާކަން ފާހަގަކުރެއްވި އެވެ.ރައީސް ވިދާޅުވީ ފަހުގެ ތާރީޚުގައި ޤައުމު ދުށް މިފަދަ ހިދުމަތްތެރި، ހުލްގު ހެޔޮ ބޭފުޅަކު ވަކިވެވަޑައިގަތުމުގެ ހިތާމައިގައި، އެމަނިކުފާނުގެ ޢާއިލާއަށް، އަދި ހިދުމަތްކުރެއްވި އެކި އިދާރާތަކުގެ މުވައްޒަފުންނަށް ތައުޒިޔާ ދަންނަވާކަމަށެވެ. އަދި މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިއުމަތާއި ރަހުމަތުގައި މަރްހޫމް އިބްރާހީމް ރަޝާދު ލެހެއްޓެވުން އެދި ހެޔޮ ދުޢާކުރައްވާކަމަށްވެސް ރައީސް ވިދާޅުވި އެވެ.