ޚަބަރު
އުނަގަނޑު މައްސަަލަ ހުންނާތީ ޝަރީއަތް ކުރުކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ކުރުކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސްމިލިއަން ޑޮލަރުން ޖޫރިމަނާ ކޮށް، ފަސް އަހަރު ދުވަހަށް ޖަލަށް ލާން ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރި މައްސަލަ ސުޕްރީމްކޯޓުގައި ވަނީ އިސްތިއުނާފު ކުރައްވައިފައެވެ.

އެ މައްސަލައިގެ ތިންވަނަ އަޑުއެހުމުގެ ގޮތުގައި ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްގެންނާ ޝަރީއަތުގެ މަޖިލީސް ފެށުމުން ފުރުސަތު ހޯއްދަވައި، ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ އުނަގަނޑުގައި ވަރަށް ބޮޑު މައްސަލައެއް ހުންނަ މީހެއް ކަމަށެވެ.

އެހެންކަމުން ގޮނޑިއެއްގައި އިންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް މެދު ނުކެނޑި އެގޮތަށް އިންނަވަން ދަތިފުޅު ވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެއްގަޑިއިރުގެ ބްރޭކެއް ދިނަސް ޝަރީއަތުގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ ފަސް ގަޑިއިރަށް ކަމަށެވެ. އެހެންކަމުން އެކަމަށް ޝަރީއަތުން ރިއާޔަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަކީ އުނަގަނޑުގައި ވަރަށް ބޮޑު މައްސަލައެއް ހުންނަ މީހެއް، ވަރަށް ދަތިވޭ ކޮންޓިނިއަސްލީ ދެ ގަޑީއިރު ގޮނޑިއެއްގައި އިންނަން ވެސް، ޝެޑިއުލް ކުރައްވާފައި ތި އޮތީ ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް ފަސް ގަޑިއިރަށް، ހެނދުނު ވެސް ސެޝަނެއް އޮވެފައި ބްރޭކަަކަށް ފަހު އަނެއްކާވެސް އައިސް ދެ ގަޑިއިރު، ކޮންމެ ވެސް ގޮތަކަށް މިކަމަށް ރިއާޔަތް ކޮށްދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމަކަށްވާތީ ދަންނަވާލީ،" ޔާމީން ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި މަހާޒް ވިދާޅުވީ، މިދިޔަ ދެ އަޑުއެހުމުގައި އިސްތިއުނާފް ކުރާ ފަރާތުގެ ފަރާތުން ހުށަހެޅުނީ 11 ނުކުތާ ކަމަށާއި އަދި ކުރިއަށް 11 ނުކުތާ އެބަ އޮތް ކަމަށެވެ. މި 11 ނުކުތާ ހުށަހެޅުނީ ހަ ގަޑިއިރުގެ ތެރޭގައި ކަމަށާއި އެ ދުވެލި އެންމެ ރަނގަޅު ވެސް ނޫން ކަމަށެވެ. އެހެންވެގެން އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވައި ދިނުމުގައި ވީހާ ވެސް ވަގުތު ބޭކާރު ނުވާނެ ގޮތަށް ކުރިއަށް ގެންދަވަން އެދިވަޑައިގަންނަވާ ކަމަށެވެ.

އޭގެ އިތުރުން، އިސްތިއުނާފީ ނުކުތާތައް ކުރިއަށް ގެންދަވާއިރު، މިއީ ހައި ކޯޓުގެ ނިންމުމުގެ އިސްތިއުނާފީ އަޑުއެހުމެއް ކަން ހަނދުމަ ކުރެއްވުމަށް ވެސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާ، ހައިކޯޓުން ތާއިދު ކޮށް، ހުކުމް ކޮށްފައި ވަނީ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 28 ނޮވެމްބަރ 2019ގައި ކޮށްފައިވާ ހުކުމުގައި ބުނަނީ 5 އަހަރު ދުވަހަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. ރައީސް ޔާމީން ގެންދަވަނީ 5 އަހަރުގެ އެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

5 މިލިއަން ޑޮލަރުގެ ޖޫރިމަނާ 6 މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމް ކޮށްފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް ފައިސާ ދައްކަވާފައި ނުވާ ކަން ފާހަގަ ކޮށްލެވެއެވެ. އެކަމާ ގުޅެގޮތުން ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަށް ޖަލުގައި ހުންނަވައިގެން އާމްދަނީ ހޯދޭނެ ގޮތެއް ނެތުމުން، އެ ފައިސާ ދެއްކޭނެ ގޮތެއް ނެތީއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު