ޚަބަރު
ރައީސް ޔާމީން މިނިވަންކުރަން ހައިކޯޓުން ހުކުމްކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ ފަހު ބައި ވެސް ބާތިލުކޮށް، އެ މަނިކުފާނު މިނިވަންކުރަން ހައިކޯޓުން މިރޭ ހުކުމްކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. ރައީސް ޔާމީންގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގަ އެވެ. 

ހައިކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ވަނީ ދަށު ކޯޓުން މައްސަލަ ނިންމިއިރުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން، މައްސަލަ ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވަނީ ފާހަގަކުރައްވައިފައެވެ.

އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ވަނީ ފަނޑިޔާރު ޝަފީއުގެ ރައުޔަށް ތާއީދުކުރައްވައިފައެވެ.

ޔާމީނަށް އިއްވި ހުކުމް ހައިކޯޓުން މިއަދު ބާތިލުކުރީއިރު، އެ ހުކުމުގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު، 2023 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އެ މަނިކުފާނަށް ވާދައެއް ނުކުރެއްވުނެވެ. ވާދަކުރަން އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅި ނަމަވެސް އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެ މަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.

އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރީ ކަމަށް ހުކުމުގައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު