ޚަބަރު
އިންޑިއާ އައުޓް ކެމްޕޭނަށް ނިކުންނާނަން: ޔާމީން
ރާއްޖޭގައި އިންޑިއާ ސިފައިން މަރުކަޒު ވެގެން ތިބި މައްސަލަ ހައްލު ނުވާ ކަމަށާއި ކުރީގެ ސަރުކާރުގައި އެމަނިކުފާނު އިސްވެ ހުންނަވާ ހިންގެވި "އިންޑިއާ އައުޓް ކެމްޕެއިން" އަނެއްކާ ވެސް ފައްޓަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ޔާމީން އިސްވެ ހުންނަވައި ފެށި ހަރަކާތެކެވެ. ނަމަވެސް މި ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވުމާއެކު އެ ހަރާކަތް މަޑުޖެހުނެވެ. އެ ގަރާރަކީ ގާނޫނާ ހިލާފު ގަރާރެއް ކަމަށް ބުނެ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އޭރު އިދިކޮޅުގައި ތިބެ ދިޔައީ ގަރާރު ބާތިލުކުރަން ގޮވާލަމުންނެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލާގައި ހައި ކޯޓުން އެ ހުކުމް ބާތިލް ކުރި އަޑުއެހުމަށް ފަހު ހައި ކޯޓު ބޭރުގައި ހުންނަވައި މީޑިއާއާ ވާހަކަ ދައްކަވަމުން އެމަނިކުފާނަށް ވެރިކަން ނުލިބިގެން އެއްވެސް ވަރެއްގެ އުނދަގުލެއް ނުވާ ކަމަށެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަ ކުރެއްވުމަށް ހުރަހަކަށްވީ 11 އަހަރުގެ ޖަލު ހުކުމެވެ.

"ރައީސް ޔާމީން ގައުމުގެ ވެރިކަން ނުކޮށް ދެން ހުރުމުން، ޕާސަނަލީ އަޅުގަނޑަށް ލިބޭނެ ގެއްލުމެއް އޮންނާނެ ތޯ، ދިރިއުޅުމާއި ތަނަވަސްކަން، ﷲގެ ރަހުމަތްފުޅުން ލިބިފައި އެބަ އޮތް،" އަދަދު ނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވި އެވެ.

ނަމަވެސް ވިދާޅުވީ އެމަނިކުފާނަށް އުނދަގޫވާ އެތައް ކަމެއް އެބަ ހުރި ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި މަރުކަޒުވެ ތިބުމާއި، ބޭރު ގައުމެއްގެ ނުފޫޒު ރާއްޖޭގެ އެތެރޭގެ ކަންކަމުގައި މާ ވަރުގަދައަށް ހިފޭ ވަރަށް އޮތުމަކީ އެ ބަލައިގަންނަން ދަތި ކަމެއް ކަމަށް ވިދާޅުވި އެވެ.

"ޝައްކެއް ވެސް ނެތެއްނު. އެއީ އަޅުގަނޑު ޖަލަށްލުމަކުން އަޅުގަނޑުގެ ވިސްނުމާއި، އަޅުގަނޑުގެ އިއުތިގާދާއި އަޅުގަނޑުގެ ޕޮލިޓިކަލް ކޮންވެންޝަނަށް ބަދަލެއް ނާދޭ އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅުގައި ދެމި އިންޑިއާ އައުޓް ބޮޑު ބެނާ ފުލުހުން ގެންދިޔުމުން އެ ހޯދަން މާދަމާ ކޯޓަށް މައްސަލަ ވައްދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އިންޑިއާ އައުޓް ގަރާރު ބާތިލުކުރުމާ ގުޅޭގޮތުން މިހާތަނަށް ސަރުކާރުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު