ޚަބަރު
ނޫސްވެރިކަމުގެ މިނިވަންކަމަށް އަބަދުވެސް އިސްކަންދޭން ޖެހޭނެ: ރައީސް ނަޝީދު
ނޫސްވެރިކަމުގެ މިނިވަންކަމަށް އަބަދުވެސް އިސްކަންދޭން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސަރުކާރުން ސްޕޮންސާ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ބައެއް ހާލަތްތަކުގައި ހާމަކުރަންޖެހޭ ކަމަށް އޮތް މާއްދާއާ ގުޅޭ ގޮތުން އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. 

އެމަނިކުފާނު ވިދާޅުވީ ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހިމަނާފައިވަނީ އޮސްޓްރޭލިއާގައި އަމަލުކުރާ އުސޫލަށް ރިއާޔަތްކޮށްފައި ކަމަށާއި ނަމަަވެސް އެ މާއްދާ އިސްލާހު ކުރެވިދާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެކެވަޑައިގަންނަވާ ކަމަށެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގައި އެންމެ ބޮޑަށް އިސްކަންދޭން ޖެހޭނެ ކަންތައް" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ ބިލުގައި ވަނީ ޝަރީއަތް މެދުވެރިކޮށް ނޫސްވެރިންގެ މަސްދަރު ހާމަކުރެވިދާނެ ހާލަތްތަކެއް ކަނޑައަޅައި ބަޔާންކޮށްފަ އެވެ.

ޖުމްލަ 151 މާއްދާ ހިމެނޭ އެ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހަކީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިނީ ކާކުކަން ޝަރީއަތަށް ހާމަކުރަން އެ ނޫސްވެރިޔާ ނުވަތަ ނޫހުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް އެ އަކުރާ ޖެހިގެން އޮންނަ އަކުރުގައި ވަނީ އެ އިމްތިޔާޒް އިސްތިސްނާ ކުރެވިދާނެ ހާލަތެއް ބަޔާންކޮށްފަ އެވެ

މި ދެ ހާލަތުގައި ކޯޓަކަށް ފެނިއްޖެ ހިނދެއްގައި ނޫސްވެރިޔަކު ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ އެވެ.

ބިލުގައި ބަޔާންކޮށްފައިވާ ދެ ހާލަތަކީ، މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެނޫން ވެސް ފަރާތަކަށް ލިބިދާނެ ގެއްލުން ކުޑަ ކަމަށް ކޯޓަން ފެނިއްޖެ ނަމަ ނުވަތަ މަސްދަރު ހާމަކުރުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތުގައި އިތުރު މަސްދަރު ހޯދައި، އެފަދަ މަސްދަރުތަކުގެ ފަރާތުން އިތުބާރު ހުރި މައުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ މިންވަރު ކުޑަ ކަމަށް ކޯޓަށް ފެނުމެވެ.

މިއޮތް ގޮތަށް މިދެ މާއްދާއާއެކު، ގާނޫނު ތަސްދީގުކޮށްފި ނަމަ، ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ބޮޑުތަނުން ހަނިވެގެންދާނެ އެވެ. ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ސާފު ސަރީހަ އިބާރާތުން ބަޔާންކޮށްފައި ވަނީ "ޝާއިއު ކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ." ކަމަށެވެ.

މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް މަޖުބޫރުކުރުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް) ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ވެސް ހުރަސްއެޅިގެންދާނެ ކަމެކެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ބިލުގައި ބޭނުމެއް ކަމަށް ބުނެފައިވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމެވެ.

ރާއްޖޭގައި ޒަމާނީ ހެއްކާބެހޭ ގާނޫނެއް ނެތް މައްސަލައަކީ ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވެސް އެކަމާއި ދޭތެރޭ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެކެވެ.

އެ މާއްދާ އުނިކުރުމަށް ރާއްޖެ އާއި އަދި ބޭރުގެ ބައެއް ޖަމިއްޔާތަކުން ގޮވާލަމުންދާއިރު ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ އެ މާއްދާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން މަޖިލީސް މެންބަރުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން އަދި ސިޔާސީ ޕާޓީތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު