ޚަބަރު
އެންމެ ކުޑަ އުޖޫރަގެ އެއްވެސް ކަމެއްގައި ގާސިމް، ރައީސްއާ މަޝްވަރާއެއް ނުކުރައްވާ: ޖޭޕީ
އެންމެ ކުޑަ އުޖޫރައާއި ގުޅޭ އެއްވެސް ކަމެއްގައި، ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު ގާސިމް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާނެކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ދެންމެ ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މައްސަލައިގައި ގާސިމްގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި ރައީސް އަރިހުގައި ޝަކުވާ ދަންނަވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރެއްވިއެވެ.

"މިއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. އަޅުގަނޑުގެ ނަޒަރުގައި މިއީ ގާސިމަށް އޮތް ލޯތްބާއި އިހުތިރާމް ނަގާލަން ބަޔަކު ގަސްތުގައި ދައްކަމުންދާ ވާހަކަތަކެއް"

ސަބަބަކީ، ޚަބަރު ލިޔުނު ނޫސްވެރިޔާ، ޖޭޕީ ނުވަތަ ގާސިމްއާގުޅޭ މިފަދަ ޚަބަރެއް ލިޔެފައިވަނީ، މައުލޫމާތު ހޯދުމަށް ޖޭޕީގެ އެއްވެސް އިސް ފަރާތަކަށް ނުގުޅާކަމަށްވެސް އޭނަ ވިދާޅުވިއެވެ.

އަލީި ސޯލިހު ވިދާޅުވީ، އިސް ތަރުޖަމާން ނުވަތަ އެޑަވައިޒަރާއި، ނައިބުރައީސްއަށްވެސް މިކަން ސާފުކުރަން ގުޅާފަ ނެތުމަކީ ވަކި އަމާޒަކަށް މީހުން އަނބުރާލުމަށް ނޫސްވެރިޔާ ކޮށްފައިވާކަމެއްކަމަށް ގަބޫލުކުރެވޭކަމަށެވެ.

ނޫސްވެރިކަމުގެ ރިވެތި އަހުލާގް އިސްކޮށް ފިތުނަ އުފެއްދުން ދޫކޮށް ޚަބަރު ގެނެސްދިނުމަށް އަލީ ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީން މިހެން ބުނެފައި މިވަނީ އެންމެ ކުޑަ އުޖޫރައަށް ކަނޑައެޅި މިންވަރު ބޮޑުވެގެން އެޕާޓީގެ ލީޑަރު ގާސިމް، ރައީސްއަށް ޝަކުވާދެންނެވިކަމަށް ރިޕޯޓްކޮށް "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ލިޔުމަކާއި ގުުޅިގެންނެވެ.

މިނިމަމް ވޭޖް ބޯޑުން މިހާރު އިކޮނޮމިކް މިނިސްޓަރަށް ލަފާ ދީފައިވަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 7،000ރ. ދިނުމަށެވެ. އަދި ކުދި ވިޔަފާރިތަކަށް 5،700ރ. ދޭން ބޯޑުން ލަފާދީފައިވާއިރު މެދުފަންތީގެ ވިޔަފާރިތަކަށް 8،000ރ. ދޭން ވަނީ ލަފާދީފައެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް މިނިމަމް ވޭޖުގެ ގޮތުގައި ދޭން ލަފާދީފައިވަނީ 10،200ރ. އެވެ.

މިނިމަމް ވޭޖު ފުރިހަމަ ވާނީ އަށް ގަޑިއިރު މަސައްކަތް ކުރުމުންނެވެ. މިނިމަމް ވޭޖް ދޭން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.

މިނިމަމް ވޭޖް ކަނޑައަޅަން އަމުރު ނެރެން ޖެހެނީ ވޭޖް ބޯޑުގެ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. އެ ބޯޑު އެކުލެވިގެން ވަނީ 11 މެމްބަރުންގެ މައްޗަށް ކަމަށްވާއިރު، މިނިމަމް ވޭޖް ކަނޑައަޅަން ލަފާދޭނީ އެ ބޯޑުންނެވެ. އަދި އެ ލަފާދޭތާ 30 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައަޅާ މިނިސްޓަރު އަމުރެއް ނެރެން ވާނެ އެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު